ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ މަސްބޯޓު ފެނިފައި ވަނީ އިއްޔެ މެންދުރު ގާތްގަނޑަކަށް 12:45 އެހާކަންހާއިރު, ލ. އަތޮޅު އިސްދޫގެ އިރުން ގާތްގަނޑަކަށް 25 މޭލު ބޭރުން ކަމަށާއި ބޯޓު ފެނިފައި ވަނީ އެ ސަރަހައްދުން އެވަގުތު ދަތުރުކުރި 'އަޒުހަރު' ނަމަކަށް ކިޔާ މަސްދޯންޏަކަށް ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިޝަލެއް މިއަދު ވިދާޅުވީ އެ ބޯޓު ފެނުނު އިރު ބޯޓުގައި ތިބީ ހަ ފަޅުވެރިން ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އެބޯޓު ކޯސްޓްގާޑުގެ އުޅަނދެއްގެ ކަފު ޖަހައިގެން ލ. ކަޅައިދޫ ބަނދަރަށް ވައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި ވެސް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓެއް ހޯދައި އޭގައި ތިބި ހާލުގައި ޖެހިފައިވާ ފަސް މީހުން މާލެގެނެސްފަ އެވެ.