ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ، އަދި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ގަރާރަކުން އެމްޑީޕީގެ އިސް ލީޑަރުކަން ދެއްވާފައިވާ ނަޝީދު އެމްޑީޕީ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހެނދުނު މާލެ އިން ހދ. ހަނިމާދޫ އެއާޕޯޓަށް ވަޑައިގަތުމަށް ފަހު މެންދުރު 12:30 ހާކަންހާއިރު ވަނީ އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގެންފަ އެވެ.

އެމްޑީޕީ އޮފީހުން މައުލޫމާތު ދިން ގޮތުގައި އިހަވަންދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ނަޝީދު ދެން ވަޑައިގަންނަވާނީ އެ އަތޮޅު ދިއްދު އަށެވެ. ނަޝީދުގެ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުއްޓަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީ އިން ބުނީ ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް މިރޭ ދިއްދޫގައި އޮންނާނެ ކަމަށެވެ. އަދި ހދ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް މާދަމާ ރޭ ކުޅުދުއްފުށީގައި އޮންނާނެ ކަމަށެވެ.