14 Sep 2021, 10:03
މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާ ކުރުމުގެ ސްކޮލާޝިޕްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިފަދަ ފުރުސަތެއް ހުޅުވާލާނެކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މެންޓަލް ހެލްތު ދާއިރާއިން މަތީ ތައުލީމަށް މާސްޓާސްއަށް ކިޔެވުމަށް ވަރަށް އަވަހަށް ސްކޮލަޝިޕްތަކެއް ހުޅުވާލާނެ ކަމަށެެވެ.
ސާޅީސް ހަ ސްކޮލާޝިޕް އަކަށް ފުރުސަތު ހުޅުވާލި އިރު، ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ކުރަން ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުންނެވެ.
އެހެންކަމުން ސްކޮލާޝިޕްތައް ފުރިހަމަ ކުރާ ދަރިވަރު، ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ހިދުމަތްކުރުމަށް ޓަކައި ވަނީ އެލޮކޭޓް ކޮށްފައެވެ.
އެހެންކަމުން، އެ ސްކޮލާޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލާޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ހިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެ ކަމަށް ހަޔާ މިނިސްޓްރީން ބުނެއެވެ.
އެގޮތުން މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް އަށް ހުޅުވާލާފައިވާ ފަސް ފުރުސަތު އެލޮކޭޓް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަށެވެ.
މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސްގެ އަށް ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއަށް އެލޮކޭޓް ކޮށްފައި ވާއިރު، މާސްޓާސް އިން ސައިކިއޭޓްރީގެ ދެ ފުރުސަތު އެލޮކޭޭޓް ކޮށްފައި ވަނީ އައިޖީއެމްއެޗް އަށެވެ.
މީގެ އިތުރުން، މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާރސިންގ/ މެންޓަލް ހެލްތް ނާސިންގ) އާއި މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ އަދި މާސްޓާސް އިން ކައުންސެލިންގ / ސައިކޮތެރަޕީ ގެ ފުރުސަތުތައް އެލޮކޭޓް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ހެލްތް އަދި އައިޖީއެމްއެޗް އަށެވެ.
ސްކޮލަޝިޕް އަށް އެދި ހުށަހަޅާ ފަރާތްތަކުން ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައި ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމްއެންކިޔުއެފް)ގައި ވާގޮތުން، މާސްޓާސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަ ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އެ ދަރިވަރަކު ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވާސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަ ވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދެން ޖެހެއެވެ.
ކަނޑައަޅާފައިވާ ސްކޮލާޝިޕްތަކަށް އެދޭ ދަރިވަރުންގެ ތެރެއިން އެ ކަނޑައެޅިފައިވާ އަދަދަށް ދަރިވަރުން ނޮމިނޭޓްކުރާނީ، އިއުލާނުގައިވާ ގޮތުގެމަތީން ޕޮއިންޓް ދީގެން، ސްކޮލާޝިޕްގެ އަދަދަށް ދަރިވަރުން ނޮމިނޭޓް ކުރެވެންދެން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުން ނޮމިނޭޓްކުރަމުންދާ އުސޫލުންނެވެ.
ނޮމިނޭޓްކުރުމަކީ، އެފަރާތަކުން ކިޔަވަން އެދޭ ޔުނިވާސިޓީން، އެ ފަރާތެއް އެ އެދޭ ކޯހުގައި ބައިވެރިކުރޭތޯ ބެލުމަށް ހޮވުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިގޮތުން ހޮވޭ ދަރިވަރުން، ހޮވޭތާ ގިނަވެގެން ހަ މަސް ތެރޭގައި، ކޯހުގައި ކިޔަވަން ފަށަން ޖެހެއެވެ.
މި ސްކޮލާޝިޕްތަކުގައި، ކޯސް ފުރިހަމަކުރެވޭނެ ގައުމުތަކުގެ ލިސްޓެއް ކަމާ ގުޅޭ އިއުލާނާއެކު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރު ކޮށްފައި ވެއެވެ.
ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެވެބްސައިޓުންނާއިމިނިސްޓްރީގެ 3026950 ނަންބަރު ފޯނުން ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.