26 Feb 2012, 13:31
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ފަނޑިޔާރުންނަށް ބިރުދެއްކި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި މުސްތަފާ ފަނޑިޔާރުނަށް ބިރުދައްކާފައިވާތީ އެ މައްސަލަ އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޕީޖީ އަށް ފޮނުވާފައިވާ އެ މައްސަލައިގައި ބުނަނީ މުސްތަފާ އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރުދީ ބިރުދައްކާފައިވާތީ، އޭނާއާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުން މުސްތަފާ އަށް ހުކުމް ކުރުމުގެ ކުރީ ދުވަހު، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށާއި އޭނާގެ މައްޗަށް ގާނޫނާ ޚިލާފު ހުކުމެއް ކުރައްވައިފި ނަމަ އެ ފަނޑިޔާރަކަށް ރާއްޖޭގައި ނޫޅެވޭނެ ކަމަށެވެ.
މުސްތަފާއަކީ އެމްޑީޕީގެ ޖަލްސާތަކުގައި އާންމުކޮށް ފަނޑިޔާރުނާއި ކޯޓުތަކަށް އިންޒާރުދެއްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.