13 Sep 2021, 22:07
ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެއެވެެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ހުޅުމާލޭ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) ކަމަށެވެ.
ކަރެކްޝަނުން އިތުރަށް ބުނީ މިރޭ ގާތްގަނޑަކަށް 6:00ހާއިރު ޔާޑު ސަރަހައްދުގައި އިށީންދެގެން އިންދާ ކުއްލިއަކަށް ވެއްޓުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
" ޔާޑުގައި އިންދާ ވެއްޓުމުން އެމަރޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ. އަދި ހޮސްޕިޓަލުން ބެއްލެވުމަށްފަހު އޭނާ މިރޭ 08:23ގައި ނިޔާވެފައިވާކަމަށް ވަނީ މައުލޫމާތު ދީފަ" ކަރެކްޝަނުން ބުނެފައިވެއެވެ.
މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމުގައި ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.