26 Feb 2012, 13:23
ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުން އަންނަ ގޮވާލުމަކީ ސިޔާސީ ފައިދާ އަށް ކުރާ ޕްރެޝަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ވަގުތީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މެލޭޝިޔާގެ ބޭފުޅެއް ކަމަށްވާ އާނަންދަ ކުމާރަސިރީ ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ޑރ. ވަހީދު ނިންމަވާފައިވާ މުހައްމަދު ވަހީދުއްދީން އަރިހުގައި މިހާރު ސްރީލަންކާ އަށް ވަޑައިގެން އުޅުއްވާ، ސްރީލަންކާ އަށް އުފަން ކުމާރަސިރީ މިމޭރުމުން ވާހަކަ ދެއްކެވީ އެގައުމުގެ "ސަންޑޭ އޮބްޒާވާ" ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"ތިޔަބޭފުޅާގެ ]ޑރ. ވަހީދުގެ[ ނިންމެވުންތައް ބޭރުގެ ނުފޫޒެއް ނެތި ނިންމަވަމުން ގެންދެވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަން ރައީސް މަހިންދަ ރާޖަ ޕަކްޝާ ވަނީ ފާޅުކުރައްވާފައި ގަބޫލުކުރައްވަންތޯ ބޭރުގެ ނުފޫޒެއް ނެތި ނިންމުންތައް ނިންމެވިދާނެ ކަމަށް؟" ސަންޑޭ އޮބްޒާވާ ނޫހުން ކުރި ސުވާލުގައިވެ އެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ކުމަރާސީ ވިދާޅުވެފައި ވަނީ "ރައީސް ރާޖަ ޕަކްޝާ އެހެން އެވިދާޅުވާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި ކުދި ގައުމުތަކުގެ މައްސަލަތަކުގެ ތެރެއަށް ބޮޑެތި ގައުމުތައް ވަންނަ އިރު، ބޮޑެތި ގައުމުތަކުގެ އެތެރޭގެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އެގައުމުތަކަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެގައުމުތަކުން އެގޮތަށް ކަންތައް ކުރަނީ ޑިމޮކްރަސީ ހިމާޔަތްކުރަން ނޫން ކަމަށާއި އެއީ ސިޔާސީ އަދި އިގުތިސާދީ ފައިދާއަށް ކުރާ ކަމެއް ކަމަށެވެ.
"އެމީހުން އެގޮތަށް ކަންތައް ކުރަނީ ޑިމޮކްރަސީ ހިމާޔަތްކުރާކަށް ނޫން. ސިޔާސީ އިގުތިސާދީ އަމިއްލަ މަސްލަހަތުތަކަށް ޓަކައި. ކުރީގެ ރައީސް ނަޝީދާއި ޕްރެޝާ ގްރޫޕްތަކުން ބޭނުން ވަނީ އަވަހަށް އިންތިހާބެއް ބާއްވަން. ބައެއް ފަރާތްތަކުން ބޭނުން ވަނީ ހަމަ މިހާރުން މިހާރަށް އިންތިހާބެއް ބާއްވަން. އަނެއްބައި ފަރާތްތަކުން އެދެނީ ހަ މަސްތެރޭގައި ބާއްވަން، ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގައި ލިބިދީފައިވާ ފުރުސަތުތަކަށް ބައްލަވާފައި ރައީސް ޑރ. ވަހީދު ވިދާޅުވަނީ އިންތިހާބު ބޭއްވޭނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް. އެއަށް ވުރެ ކުރިން އިންތިހާބު ބޭއްވޭނެ އެއްވެސް ގޮތެއް ނެތް" ކުމަރާސިރީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ކުމަރާސީ ވިދާޅުވެފައި ވަނީ އިންތިހާބެއް ބޭއްވުމުގެ ކުރިން ގާނޫނު އަސާސީއާއި ގާނޫނުތައް އިސްލާހު ކުރައްވަން ޑރ. ވަހީދު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށާއި އެކަމަށް ޓަކައި މަގުޗާޓެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެ އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ބާރުތައް ރަނގަޅަށް ވަކިވެފައި އޮތުން ކަމަށެވެ.
"ގައުމުތަކާ އެކު ވިޔަފާރި އާއި އިގުތިސާދީ ގުޅުންތައް ބޭއްވުމާއި އެހެނިހެން ހަރަކާތްތައް ފުޅާ ކުރުމާއެކުގައި ވެސް އެއްވެސް ގައުމަކަށް ބަރޯސާ ނުކޮށް ]މިނިވަންކަމާ އެކު[ އޮންނަން ޖެހޭނެ ރައީސް މަހިންދަ ރާޖަ ޕަކްޝާ އާއި ސަރުކާރުގެ އެހެން ލީޑަރުން ވެސް ވިދާޅުވި ވިދާޅުވުމަށް ރައީސް ޑރ. ވަހީދު މަރުހަބާ ވިދާޅުވޭ،" ކުމާރަސިރީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.