ސިވިލް ސާވިސްގެ ވަޒީފާ ތަކުގައި ތިބި، އެޑިއުކޭޝަން މިނިސްޓްރިގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ފަށަން ނިންމާފައި ވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އޮކްޓޯބަރު މަހުން ފެށިގެން މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދޭނެ ކަމަށެވެ.

ނަމަވެސް އޭގެ ކުރިން ދޫ ނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ސިވިލް ސާވިސ ކޮމިޝަނުން އިދާރާ ތަކާއެކު މަޝްވަރާ ކުރަމުން ދާތީ، އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް އަންގާނެ ކަމަށެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ، ސިވިލް ސާވިސްގެ ފަންނަނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް، ވަކި ފެންވަރެއްގެ ޕްރޮމޯޝަނެއް ހާސިލު ކުރުމުން ދެވޭ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަން ދިނުން މަޑުޖައްސާލާފައި ވަނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ޕްރޮމޯޝަން، އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި ވާ ކަމަށެވެ.

އަދި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެހިފައި ނުވާ މުވައްޒަފުންނަށް ވެސް އޮކްޓޯބަރުން ފެށިގެން ޗިޓުގައިވާ ގޮތަށް މުސާރަ އާއި އިނާޔަތްތައް ދިނުން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.