19:00


ޑީއާރްޕީގެ އޮފީސް ބަންދުކޮށްފައި ހުއްޓާ އެ ޕާޓީގެ އޮފީސް ތެރެއަށް އެމްޑީޕީގެ ބަޔަކު ވަދެގަނެ ޑީއާރުޕީގެ ދިދަ ތިރިކޮށް އެމްޑީޕީގެ ދިދައެއް ނަގައިފި އެވެ.


ޑީއާރްޕީގެ ކައުންސިލް މެމްބަރު އަލީ ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެއްވުމެއް އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވުމަށް ހަމަޖެހިފައިވުމާ ގުޅިގެން ޑީއާރުޕީގެ އޮފީސް ބުދަ ދުވަހު ހަވީރު ބަންދުކުރުމަށް ފަހު އެ އޮފީހުގެ ސަލާމަތީ ކަންތައް ބަލަހައްޓައިދިނުމަށް އެދި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ރޭ އާޓިފިޝަލް ބީޗްގައި އެމްޑީޕީގެ އެއްވުން ކުރިއަށް ދިޔައިރު ހިނގި ހަމަނުޖެހުންތަކެއްގެ ތެރޭގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ޑީއާރްޕީ އޮފީސް ތެރެއަށް ވަދެގަތްއިރު އެކަން ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިނުވާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެގޮތަށް ޑީއާރުޕީގެ އޮފީސްތެރެއަށް ވަދެ ކޮށްފައިވާ އެ އަމަލަކީ ވަރަށް ދަށް ފެންވަރުގެ އަމަލެއް ކަމަށާއި އެ ކަންތައްތައް ޑީއާރުޕީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ.


އެމްޑީޕީގެ އެޖަލްސާގެ ވަކި ހިސާބަކުން ހަމަނުޖެހުން އުފެދި ޑީއާރްޕީ އޮފީސް ކުރިމަތީގައި ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ޒުވާބުތަކެއް ރޭ ވަނީ ހިނގައިފަ އެވެ. އެއަށްފަހު އެމްޑީޕީގެ ސަޕޯޓަރުން، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީންގެ ގެއާ ދިމާލަށް ގޮސް އެ ސަރަހައްދުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ކުރިމަތިލައި ދެ ފަރާތުގެ މެދުގައި ހަމަނުޖެހުންތަކެއް ވަނީ ހިންގާފަ އެވެ.


ރޭގެ އެހަމަނުޖެހުމާ ގުޅިގެން 15 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން އެ ހިންގީ ވަރަށް ހަޑިމުޑުދާރު، ދަށް ފެންވަރުގެ އަމަލެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކޮށް އުޅޭ ޒާތުގެ ކަންތަކެއް ނޫން ކަމަށް ވިދާޅުވެ އޭނާ އެ ކަންތައް ވަރަށް ބޮޑަށް ކުށްވެރިކުރެއްވި އެވެ.