މީގެ 59 އަހަރުކުރިން ގދ. ތިނަދޫ ފަޅުކޮށްލަން ހިންގި ލާއިންސާނީ އަމަލުތަކުގެ ބަދަލު ހޯދަން، ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ސަން"އަށް ވިދާޅުވީ މި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ތިނަދޫ ރައްޔިތުންނާ މެދު އެއިރުގެ ސަރުކާރާއި ބޮޑު ވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރު ދީފައިވާ ގެއްލުމުގެ ބަދަލު ހޯދައި ރައްޔިތުންނަށް ހައްގު ހޯދައިދިނުން ކަމަށެވެ.

މި މައްސަލައިގައި މި ގަތުލުއާންމުގައި ބައިވެރިވި އެންމެންގެ އެސެޓްސްގެ 50 އިންސައްތަ ތިނަދޫ ރައްޔިތުންނަށް ނަގައިދޭން ވަނީ ހުށަހަޅާފައެވެ.

"ތިނަދޫ މީހުންނަކީ އެއިރު ދައުލަތް ހިންގަން ފައިސާ ދިން ބައެއް. ބޭނުން ޖެހުނީމާ ދައުލަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވޭ. އެކަން ކަން އެހެން ހިނގައިގޮސްފައި ހުއްޓާ މިފަދަ ލާއިންސާނީ އަމަލެއް ހިންގާފައިވަނީ،" ސައުދު ވިދާޅުވިއެވެ.

ކައުންސިލުން ވަނީ ބަދަލެއްގެ ގޮތުން ދައުލަތަށް ނަގާފައިވާ އިބްރާހިމް ނާސިރުގެ ގެކޮޅު، ވެލާނާގޭގެ ނަން "ތެނަދޫ ވެލާނާގެ"އަށް ބަދަލުކުރަން ވެސް ހުށަހަޅާފައެވެ.

މީގެ އިތުރުން ދިވެހި ދައުލަތުން ރަސްމީކޮށް، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ. ނަމަވެސް މިއީ ސަރުކާރާ ދެކޮޅުވެރިވާން ކުރާ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.