އައްޑޫ ސިޓީން: މުހައްމަދު ހަސަން

އަދުލުއިންސާފު ގާއިމްކޮށް ގާނޫނު ދެމެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވްޖެ އެވެ.

ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އަތޮޅުތަކަށް ކުރަށްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ސ. އަތޮޅު މަދަރުސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުތައް ދެމެހެއްޓުމާއި އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ވައުދުވެވަޑައިގެންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކުރައްވަން މަސައްކަތްޕުޅުކުރައްވާނެ ކަމަށާއި އެކަމުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ. އަދި ވެރިކަން ހިންގުމުގައި ވަކިކުލައަކަށް ނުބައްލަވައި ދިވެހިގައުމު ސަލަމާތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިމަހުގެ އަށް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކަށް އިޝާރަތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ އެތައް މުދަލެއް ބަޔަކު އަންދާލުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބޮޑުކަމަށާއި އެއަމަލުތައް ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.

މިމޭރެމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށާއި އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ސާކުގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އައްޑޫ ސިޓީ އަށް ވަޑައިގެން އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ރަޢީސް ވިދާޅުވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.

ހުޅުދޫ އަވަށާއި މީދޫ އަވަށަށް ނިސްބަތްވާ ސުކޫލްގައި މިއަދު ބޭއްވޭ ޖަލްސާއަކީ ވަރަށް ތާރީހީ ޖަލްސާއެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އެމްޑީޕީން ރައީސުލްޖުމުހޫރިއްޔާ އަށް އައްޑު އަށް ނޭރޭނެ ކަމަށް ބުނެފައިވަނިކޮށް އެމަނިކުފާނު އެންމެ ފުރަތަމަ ވެސް އައްޑުއަށް ވަޑައިގަތުމުން އެކަމާ މަރުހާބާ ކިޔާކަމަށް ވިދާޅުވި އެވެ.

އަދި މިއަދުގެ ސަރުކާރަކީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށާއި ގައުމަށް ޓަކައި މިއަދު ބައިބައިވެފައިވާ މުޖުތަމައު ބައިބައިވުން އެއްބައިވަންތަވުމަށް ދިޔާނާ ވަނީ ގޮވާލާފަ އެވެ. އަދި ހުޅުމީދޫގެ ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާއަކާއި ރަނގަޅު ބޯފެން ލިބޭނެ ނިޒާމެއް ގައިމުކޮށްދެއްވައި ސިއްހީ ހިދުމަތް ރަނގަޅުކޮށްދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅަށް ސިޓީ ކައުންސިލުން ގައުމީ ދިވެހި ދިދަ ނުދިންކަން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ މިއަދުގެ ޖަލްސާގައި ފާހަގަކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އައްޑު އަށް ނިސްބަތްވާ، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަ ދެއްކެވި އެވެ.


ރއއްއ \"