މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރެވޭ ނަމަ ސަރުކާރުގެ އިސް ވެރިން އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައްޑޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޯމަތިވެފައިވާ އިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ނަން ނެގުމަށް ވަޒީރަކު ބިރު ދައްކަވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އިއްޔެ އަޅުގަނޑުމެންގެ ދާއިރާގެ އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ގުޅާފަ އަޅުގަނޑު ކައިރީ ވިދާޅުވެއްޖެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެބަ އަންގަވައޭ އެމްޑީޕީ ކެންޑިޑޭޓުންނަށް ނަން ނަގަން. ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނަށް. ނަން ނަގަން. އަދި އެމްޑީޕީ މެންބަރެއް ވެސް ނޫނޭމީ،" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައީ ތަފާތު ނުކުރާނެ ކަމަށާއި އިންސާފު ގާއިމް ކުރާނޭ ކަމަށާއި ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ވައުދު ވެގެން ކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ އެންމެ ކައިރިން އެމްޑީޕީ ތެރޭގައި ވެސް އިންތިހާއަށް ތަފާތުކުރުން ގެންގުޅޭތަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ ކުންފުނިތަކުގެ ވެރިން ވަޒީފާގެ ބިރާއި ވަކި މީހަކަށް ކެމްޕެއިން ކުރަން ލާޒިމްކުރުމާއި، އަނެއްކާ ދައުލަތުގެ ވަރު ވަރުގެ، ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެ މަތިން ހަރަކާތްތެރިވެގެން ދިޔަ ތަން ފެނިގެން މިދަނީ،" ވައްޑެ ވިދާޅުވިއެވެ.

ވައްޑޭ ވަނީ ވައުދުތަކާ އެއްގޮތަށް އަމަލު ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވައި، ގެއަށް ވަޑައިގަތުމަށް ހުރިހާ ވެރިންނަށް ގޮވާލައްވައި، އެމަގާމުތައް އަދާކުރެވޭނެ އެހެން މީހުން ތިބި ކަމަށް ވިދާޅުވެފައިއެވެ.