13 Sep 2021, 12:03
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ، ކޮޓަރިއެއްގެ ތެރޭގައި ޒުވާނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި މިހާތަނަށް ވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ލ. ކަލައިދޫ، ސުވީޓްހާޓު، އަހުމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓެއް ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ.
އެ ރިޕޯޓުގައިވާ ކަންކަމަށް ތާއީދުކުރައްވާ އިންތި ވިދާޅުވީ އަނިޔާގެ ވާހަކަ ދައްކަމުން އަންނައިރު، މިފަހުން އާންމުވި، ޒުވާނަކަށް އަނިޔާކުރާ ވީޑިއޯގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
އިންތި ވިދާޅުވީ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކުން ސިފަ ވަނީ ގުއަންޓަނާމޯ ބޭ ޖަލުގައި ހިނގާ ފަދަ ލާއިންސާނީ އަމަލުތައް ކަމަށެވެ.
"މީހެއްގެ ކޮޓަރިއަށް ވަދެ، ޒުވާނެއްގެ ކޮޓަރިއަށް ބޮޑު ގޭންގެއްގެ ސިފައިގައި ވަދެ، ތަޅައި އަނިޔާކޮށް، އެމީހާ ބަރަހަނާކޮށް، އެ ވީޑިއޯ އާންމުކޮށްފައި އެވަނީ. އެންމެ ދަށު ދަރަޖައިގެ ލާއިންސާނީ އަނިޔާ މި ހުންނަނީ،" އިންތި ވިދާޅުވިއެވެ.
އެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފުލުހުންގެ ކިބައިގައި އެދުމުން، އެ މައްސަލައަކީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ޝާމިލުވާ މީހުން މިހާތަނަށް ދެނެގަނެވި، އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި ކަމަށް އިންތި ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ބާރުމިނަށް އިންތި ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"މައްސަލައިގަ އަނިޔާވެރިކަން އެއޮތީ އެންމެންގެ ލޮލަށް ފެންނަން. މައްސަލައިގަ ބައިވެރިވި މީހުން ރަނގަޅަށް އަކުރުން އަކުރަށް އެނގޭނެ މިންވަރަށް، ހުރިހާ ފަރާތްތަކެއް އެނގޭނެ މިންވަރަށް. ހަމަ ޔަގީނުން ފުލުހުން މިކަން ސީރިއަސްކޮށް ބަލައިފިނަމަ ނޭނގި ނުދާނެ،" އިންތި ވިދާޅުވިއެވެ.
އިންތި ވަނީ އެ މައްސަލައިގައި ފުލުހުން "ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް" މަސައްކަތްކުރާ ކަމަށް ސިފަވާ ކަމަށާއި އެކަމުގައި ކޮންމެވެސް ނުފޫޒެއް ވާ ކަމަށް ތުހުމަތުކުރައްވާފައިއެވެ.
އޭނާ ވަނީ މި މައްސަލަ ބަލައި، ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވާފައިއެވެ.