12 Sep 2021, 22:34
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ފަސްޓު ސެކެޓްރީ މިސްޓަރު ކަރަން ޔާދޭވްއާއި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައްޔިދު ތަންވީރު ނަސްރީން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ދިވެހިބަހުގެ އެކެޑަމީގައެވެ.
މި މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ މި ބައްދަލުވުމުގައި މަައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތުންކަމަށެވެ.
"މި ބައްދަލުވުމުގައި މަައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތުން. އެގޮތުން އެ ދާއިރާގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ޔުނިވާސިޓީއެއްގައި ނުވަތަ ކަނޑައަޅާ ތަންތަނުގައި ދިވެހިބަހުގެ އަސާސީ ކޯސް ހިންގަން ފެށުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ހަމައެއާއެކު ދިވެހިބަހުން ހިންދީބަހަށް އަދި ހިންދީ ބަހުން ދިވެހިބަހަށް ތަރުޖަމާކުރުމާއި ފޯކްލޯއާއި ލިންގްއިސްޓިކް ދާއިރާއިން ބޭނުންވާ ކުރު މުއްދަތުގެ ކޯސްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް ވެސް މި ބައްދަލުވުމުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ.
ރާއްޖެއާއި އަވައްޓެރި ގައުމުތަކާ މެދު އަބަދުވެސް ސަގާފަތާއި އާދަކާދައިގެ ގޮތުން ވަރުގަދަ ގުޅުމެއް އަންނަނީ ބަދަހިކުރަމުންނެވެ. އެގޮތުން ބަހާއި ސަގާފަތުގެ ދާއިރާއިން ރާއްޖޭގައި ދިވެހިބަސް ކުރިއެރުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދިވެހިބަހުގެ އެކެޑަމީއެވެ.