މިފަހުގެ ތާރީހުގައި ރާއްޖޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް މެސްކޮޓް ލޯންޗްކޮށްފިއެވެ.

މިރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިއަށްދިޔަ ހަފްލާގައި ސާފް ޗެމްޕިއަންޝިޕް ލޯންޗް ކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

މި ހަރަކާތުގައި ރާއްޖޭގައި ބާއްވާ ދެވަނަ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ އާއި މެސްކޮޓް އަދި މުބާރާތުގެ ރަސްމީ ލަވަ ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެހެންމެ "އަހަރަމެންގެ ފަހަރު" ގެ ނަމުގައި 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރުމަށް ކުރި ދަތުރުގެ ވާހަކަތައް ހިމެނޭ ފޮތެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ.

އެގޮތުން މިރޭގެ ހަފުލާއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގެން އެކައްޗަކީ މިފަހަރުގެ ސާފަށް ތައްޔާރުކޮށްފައިވާ ދިވެހި ވަންތަ މެސްކޮޓެވެ. "ސްނެޕާ" ގެ ނަމުން ނަން ދީފައިވާ މި މެސްކޮޓް ތައްޔާރުކޮށްފައިވަނީ ދިވެހި ޖާޒީއެއްގެ އިތުރުން ދިވެހި ތާރީހު ވެސް ރަމްޒުކޮށްދޭ ގޮތަށް ހާއްސަ ކޮށްގެންނެވެ.

"ސްނެޕާ ތިބޭފުޅުންނަށް އެކި އެކި މީޑިއަމް ތަކުގައި، ޑިޖިޓަލް މީޑިއަމް އަދި ފިޒިކަލް މީޑިއަމްތަކަށް ލެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ގޯލެއް ޖެހިޔަސް ފޯނުން ސްނޭޕާ ފެނިދާނެ." މިރޭގެ ހަފުލާގައި މެސްކޮޓް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލަމުން ހަފުލާގެ މާސްޓާ އޮފް ދަ ސެރަމޮނީ އަދި މިފަހަރުގެ ސާފްގެ މާކެޓިންގްއާ ހަވާލުވެ ހުންނެވި ނިއުޝާދް ޝަރީފް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ލަންކާއާ ގުޅިގެންނެވެ. މުބާރާތް ހުޅުވި މެޗު މާލޭގައި އޮތްއިރު ފައިނަލް ކުޅެ ރާއްޖެ ތަށި ނެގީ ކޮލަމްބޯގަ އެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.