12 Sep 2021, 19:42
ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުން ގެންދާ އެންމެ މުހިންމު މަސައްކަތަކީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލު އިސްލާހުކުރުންކަމަށް އެ ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްްޖެއެވެ.
ފަނޑިޔާރުންނާއި މެޖިސްްޓްރޭޓުން ހުވާކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ކޯޓުތައް ފުރިހަމަ ގޮތުގައި ހިންގާ ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވަކި ތަސައްވުރެއް ކަނޑައެޅިފައިވާކަމަށެވެ. އަދި ޖޭއެސްސީން އަަމަލުކުރަމުން އަންނަނީ އެ ތަސައްވުރު ހާސިލްކުރަންކަމަށެވެ.
"އެ ލަނޑުދަނޑި ހާސިލްކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވަކި އަމާޒަކަށް ވަކި މިސްރާބަކަށް. އަޅުގަނޑުމެން އެގޮތުން ސަމާލުކަންދޭ ނުވަތަ އަޅުގަނޑުމެން އެންމެ މުހިންމު ދަައުރެއް އަދާކުރާ ލަނޑުދަނޑިތަކުގެ ތެރެއިން އަމާޒު ހާސިލްކުރަން ކުރާ އެއްކަމަކީ ފަނޑިޔާރުން އައްޔަންކުރުމުގައ ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެންގުޅުނު އުސޫލުތައް ބަދަލުކޮށް އިސްލާހުކޮށް އެ މަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރުން. އިސްލާހުކުރުން،" ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ ފަނޑިޔާރުން އައްޔަންކުރަނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް ބެލުމަށްފަހުކަމަށެވެ.
"އޭގެތެރޭގައި ފަނޑިޔާރުންގެ ގާބިލްކަމާއި، އިލްމީ ފެންވަރުގެ އިތުރުން، ތަޖުރިބާއަށް އެބަ ބަލަން. ސުލޫކށް އެބަ ބަލަން. އަހުލާގީ މިންގަނޑަށް އެބަ ބަލަން. ޕާސްޓް ކޮންޑަކްޓަސް އެބަ ބަލަން. މި ކަންތައްތައް ރަނގަޅަަށް ހަމަ މަގަށް ހުރެއްޖެނަމަ މި އާދެވެނީ އިންޓަވިއު ޕްރޮސެސްއާ ހަމައަށް،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖުޑިޝަރީއަށް އަންނަމުންދާ ބަތަލުތަކާއެކު ފަނޑިޔާރުންގެ ކިބައިން ގިނަ އުންމީދުތަކެއް ކުރާކަމަށެވެ. އެގޮތުން އަދުލުވެރިކަމާއެކު ހުކުމްކޮށް ކޯޓުތަކުގެ މިނިވަންކަން ނަގަހައްޓާ ގާނޫނު ތަންފީޒުކުުރާނެކަމުގެ އުންމީދުކުރައްވާކަމަށެވެ.