12 Sep 2021, 19:19
އދ. ދިގުރަށު ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ރަށް ގިރާ މައްސަލަ ހައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިގުރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ދިގުރަށު ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅުގައި ހިމެނޭކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށާ، ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ރައީސްއަށް ދެންނެވީ ކުދި މަޝްރޫއުތައް ކައުންސިލާ ރަށުގެ ރައްޔިތުން ކުރިޔަށް ގެންދިޔަ ނަމަވެސް ދިގުރަށުގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްކުރައްވާނެ ކަމަށެވެ.
ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ކައުންސިލުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަމަށާއި، ފެނާ ނަރުދަމާގެ ނިޒާމް ގާއިމްވެފައިވާ ނެތުުމުން ޓޫރިޒަމަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާކަމުގައި ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ސްކޫލްގެ އިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
ކައުންސިލުން ހިއްސާކުރެއްވި ވާހަކަތައް އަަޑުއެއްސެވުމަށްފަހު، ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.