12 Sep 2021, 18:47
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ޓޫރިޒަމް ދުވަސް މި އަހަރު ރާއްޖޭގައި، އަައްޑޫގައި ފާހަގަނުކުރަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލެއް "ސަން"އަށް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ދުވަސް ފާހަގަނުކުރަން ނިންމީ އެ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާއެކުކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ޓޫރިޒަމް ދުވަސް ރާއްޖޭގައި މާ ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަން ނިންމައިފައިނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މާލޭގައި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އައްޑޫގައި ޓޫރިޒަމް ދުވަސް ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާ އެކަން އިއުލާނުކުރީ މާޗު މަހުގެ ހަތަރުވަނަ ދުވަހެވެ.
އެގޮތުން އެއިރު އެ މިނިސްޓްރީން އެ ނިންމުން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ އިސް ނެގުމުގެ މަތިންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަސް ކައިރިވަމުން އަންނައިރު މިހާތަނަށް ރާއްޖެއަށް 700،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.