12 Sep 2021, 17:04
ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ދަނޑަށް ވައްދައިގެން ކަން 'ސަން'އަށް ޔަގީން ވެއްޖެއެވެ.
އަންނަ މަހުގެ އެކަކުން 16އަށް މާލޭގައި ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމުގެ ގޮތުން މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.
ގަލޮޅު ދަނޑުގެ ސަހަރާފަޅި ސިޑި ބަރިއާއި އިރުމަތީ ފަޅި (ބޮޑު ގޭޓު ފަޅި) ބަންދުކުރީ 2018 ވަނަ އަހަރު ޕްލޭނިން މިނިސްޓްރީއިންނެވެ. ސިޑި ބަރިތަށް ބަންދުކުރީ ސިޑި ބަރީގައި ރެނދުލުމުގެ ސަބަބުންނެވެ.
މަރާމާތުގެ މަސައްކަތަށް ފަހު ބޮޑު ދަނޑުގެ ސަހަރާފަޅީގެ ސިޑި ބަރީގެ ތިރީ ބަޔަށް ސަޕޯޓަރުން ވައްދާނެކަން "ސަން"އަށް ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފައެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ އެތަނުގައި ސަޕޯޓަރުން ވެއްދުމަށްޓަކައި އެންމެ ފުރަތަމަ އަޑިން ޖުންގު ޖަހަން ނިންމައިފައިވާ ކަމަށެވެ.
"އަޑިން ޖުންގު ޖަހާފަ ބެރި ވިއްދާފަ އެތަނަށް މީހުން ވައްދާނީ. އަދި އޭގެ ކުރިން އިންޖިނޭރުން އައިސް ދިރާސާ ކުރާނެ މީހުން ވެއްދޭތޯ. މީހުން ސަހަރާ ފަޅިއަށް ވައްދާނީ ވެސް ކޮންޓްރޯލް ކޮށްގެން ވަކި ވަރަކަށް" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އެތަނުގައި ޖުންގު ޖެހުމަށްފަހުގައި ވެސް އިންޖިނިއަރުން އެޕްރޫވަލް ނުދޭނަމަ ސަހަރާފަޅިއަށް މީހުން ނުވައްދާނެ ކަމަށެވެ. ނަމަވެސް ދަނޑުގެ އެހެން ސިޑިބަރިތަކަށް ސަޕޯޓަރުން ވައްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން 8000 މީހުންގެ ޖާގައިގެ ގަލޮޅު ދަނޑަށް އެންމެ ފަހުން ރާއްޖެ އާއި ޗައިނާ މާލޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފުޓުބޯޅައިގެ އިތުރުން މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ގަލޮޅު ދަނޑު އައީ ބޭނުން ކުރަމުންނެވެ. 2018 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސިޑި ބަރި ބަންދުކޮށްފައި ވަނިކޮށް ވަނީ ސިޑިބަރިތައް ހުޅުވާލާފައެވެ.
ދަނޑުގެ ސިޑިބަރިތަށް އެންމެ ފަހުން މަރާމާތުކޮށްފައިވަނީ 1980ގެ ފަހު ކޮޅުގައެވެ. ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑުގައި މަރާމާތުގެ އެންމެ ބޮޑު މަސައްކަތެއް ކުރިއަށް ގޮސްފައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕަށެވެ. އެފަހަރުގެ މުބާރާތައް ދަނޑުގެ ވީއައިޕީ ފަޅި ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.