12 Sep 2021, 16:51
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ވަރަށް ގިނަ މީހުން ފޯމު ހުށަހަޅާފައި ވާތީ، ދެ މުނާސަބަތެއްގައި އެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ ގައުމީ އިނާމާ ބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ. އަދި ގައުމީ އިނާމާއި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާ ބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 270 މީހުން ވަނީ އެ އިނާމަށް ފޯމު ހުށަހަޅާފައެވެ. އަދި 72 މީހަކު ވަނީ ގައުމީ އިނާމަށް ފޯމު ހުށަހަޅާފައެވެ.
ރައީސް އޮފީހުން ބުނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް އެހާ ގިނަ އަދަދެއްގެ މީހުން ކުރިމަތިލުމުން ރައީސް ވަރަށް ބޮޑަށް އުފާފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ކޮމިޓީގެ ހިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ އަދަދެއްގެ މީހުންނަށް އިނާމު ނުދެވޭނެތީ، ދެ މުނާސަބަތެއްގައި އިނާމު ހަވާލު ކުރަން ރައީސް ނިންމެވީ ކަމަށެވެ.
އެގޮތުން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވަން ރައީސް ނިންމެވީ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
އެ ބައްދަލުވުމުގައި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ވިދާޅުވީ ގައުމީ އިނާމަށް މީހުން ހޮވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މިއީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވާތީ، އެކަމާ ބެހޭ ފޯމު ފުރިހަމަ ކުރުމުގައި ބައެއް މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން އަނީސާ ފާހަގަ ކުރެއްވިއެވެ.
ނަމަވެސް އެ އިނާމު ހައްގުވާ ގިނަ އަދަދެއްގެ މީހުން ތިބުމުން، މައުލޫމާތު ފުރިހަމަ ނުވާ ފޯމުތަކަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުމަށް އެމީހުންނަށް އިތުރު ފުރުސަތު ދޭން ކޮމިޓީން ނިންމި ކަމަށް އަނީސާ ވިދާޅުވިއެވެ.