26 Feb 2012, 11:09
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމަކީ އެއިރެއްގައި އޮންނަ ވެރިކަމެއްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކެވެ. އެ ތުހުމަތުތަކާ އެކު "ވޮޗް ޑޯގެއް"ގެ ޒިންމާ އަދާކުރާ މިނިވަން މުއައްސަސާތަކުގެ ދައުރު އޭގެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެ އެވެ.
ދައުލަތުގެ މިލްކިޔާތުން ހަރަދުކޮށްފައިވާ ގޮތް ބަލައި އެކަން ހަމަ މަގަށް އެޅުވުމުގެ މުހިންމު ޒިންމާ ރާއްޖޭގައި އަދާކުރަނީ އޮޑިޓާ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ގަވާއިދާ ހިލާފަށް މިލިއަނުން ހަރަދުކޮށްފައިވާ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް ރިޕޯޓްތައް އާންމުކުރެއްވުމަކީ ވަރަށް އާންމު ކަމެކެވެ. އެ ރިޕޯޓްތައް ނެރޭ ދުވަސްކޮޅު ސިޔާސީ ވެރިން ޕޯޑިއަމްތަކުގެ އެވާހަކަތައް ދައްކާލައިފާނެ އެވެ. އެކަމަކު ދެން އެ ރިޕޯޓްތަކަށް ވާގޮތެއް ނޭނގެ އެވެ. ހިޔާނާތްތެރިންނަށް އަދަބެއް ނުލިބެ އެވެ. އޮޑިޓާ ޖެނެރަލްގެ އެ މުހިންމު މަސައްކަތް ދަނީ ކުނި ވަށިގަޑަށެވެ.
"އެއީ ހަގީގަތުގައި ވެސް މައްސަލައެއް. ގިނަ އޮޑިޓްތަކެއް މި ހުންނަނީ ނެރެވިފައި. ރެކޮމަންޑޭޝަންތަކެއް ދެވިފައި. ހަގީގީ މައްސަލައަކީ މުޅި ނިޒާމް އެކީ އެކަށް މަސައްކަތް ނުކުރުން. އެކަތި ގަނޑެއްގެ ގޮތުގައި ހިގައި ނުގަތުން. އެ ރިޕޯޓްތަކުގެ މައްޗަށް ބަލައި ދައުވާ ކުރުމަކީ އެކަމަށް ކަނޑައެޅޭ މުއައްސަސާތަކުގެ މައްޗަށް އޮންނަ ކަމެއް. އެކަން ނުކުރުން ހަގީގަތުގައި މައްސަލައަކީ،" ޕީޖީގައި މަސައްކަތް ކުރައްވާ ވަކީލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވި އެވެ.
އެ ވަކީލުގެ ނަޒަރުގައި އޮޑިޓާ ޖެނެރަލް އޭނާގެ ޒިންމާ އަދާކުރައްވަ އެވެ. އޯޑިޓުން ފާހަގަވާ ކަންކަމަށް ދައުވާ ކުރުމަކީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އޮޑިޓް ގާނޫނުގައި ބަޔާންވެގެނެއް ނުވެ އެވެ. އެ މަސްއޫލިއްޔަތު ބޮޑަށް އެޅެނީ ފުލުހުންނާއި އަދި އޭސީސީގެ ބޮލުގަ އެވެ. ދައުވާ ކުރުމުގެ ބޭރުން ނުކުންނަ އެހެން މައްސަލައެއް އެބައޮތެވެ. އެހެން ވަކީލަކު ފާހަގަކުރައްވާ ގޮތުން "އެވެނި މިވެނި ގޮތަކަށް ކަން ކުރުމަށް އޮޑިޓާ ޖެނެރަލް ލަފާދީފައިވާ ނަމަ ނުވަތަ އެންގުމެއް އަންގާފައިވާ ނަމަ އެ ގޮތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީއެއްގެ މައްޗަށް ނުވަތަ އޮފީހެއްގެ މައްޗަށް ލާޒިމް" ވާނެ އެވެ.
ނަމަވެސް އޮޑިޓް ރިޕޯޓަށް ފެންކައްކާ ބޮލީގެ އިއްޒަތް ދޭ ނަމަ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ބަޔަކަށް ފައިދާވާ ހޯދުމަށް އޮޑިޓް ރިޕޯޓުގެ ވާހަކަ ދެއްކުމުގެ ސަގާފަތެއް ވަނީ އުފެދިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ރަސްމީގެ ކޮޅު "ތީމުގޭ"ގެ އޮޑިޓް ރިޕޯޓް އޭރު ހުންނެވި އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވުމުން އޭގައި ހުރި ގިނަ ކަންތައްތަކުގެ ވާހަކަ އެންމެ ގަދަޔަށް ދެއްކެވީ އޭރުގެ އޮޕޮޒިޝަން އެމްޑީޕީންނެވެ. އެމްޑީޕީގެ ސަރުކާރުގައި މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓްތަކުގެ ވާހަކަ ހަރުއަޑުން ދެއްކީ އިދިކޮޅުގައި ތިބި ޕާޓީތަކެވެ. ނަމަވެސް ވެރިކަން ލިބުމުން އެ ވާހަކަތަކުގެ އަޑެއް ވެސް ނީވެ އެވެ. މިއީ ސިޔާސީ ޕާޓީތަކުން އަމަލުކުރާ ގޮތެވެ. މިހާރު މިނިވަން މުއައްސަސާތަކުން ވެސް އަމަލުކުރަނީ އެ އުސޫލުންނެވެ. އޮޑިޓާ ޖެނެރަލް ރިޕޯޓްގައި ކަމެއް ފާހަގަކުރާ ފަހަރަކު އެ މުއައްސަސާއެއް ބަރީއަވުމަށް ބަޔާނެއް ނުވަތަ ޕްރެސްކޮންފަރެންސެއް ދެއްވުމުގެ ސަގާފަތެއް ވަނީ އުފައްދަވަން ފައްޓައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން އަދި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރީ ހަމަ މި އުސޫލުންނެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ އައު އޮޑިޓާ ޖެނެރަލެއް ވަޑައިގެން ކުރީގެ އޮޑިޓާ ޖެނެރަލްގެ އުސޫލު ބަދަލުކުރައްވާތަން. ކުރިން އަޅުގަނޑުމެން އަމަލުކުރީ އެ އޮޑީޓަ ޖެނެރަލް ވިދާޅުވި ގޮތަށ. ދެން ފޯނު އެލަވަންސް ފަދަ އެއްޗިހި އެއީ އަޅުގަނޑުމެންގެ މަސައްކަތުގައި ހިމެނޭ ކަމެއް. އެއީ ފާސްކުރަން ޖެހޭ ކަމެއް ކަމަށް ނުދެކެން،" މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅަކު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވި އެވެ.
ފޯން އެލަވަންސް ފާސްނުކޮށް ނުނެގުމަށް އޮޑިޓާ ޖެނެރަލް ލަފާ އަރުވަނިކޮށް ގިނަ މިނިވަން މުއައްސަސާތަކުން ވަނީ އެއާ މުޅިން އިދިކޮޅަށް އެކަންކޮށްފަ އެވެ. އެ ފައިސާ އަނބުރާ ޖަމާކުރަން އެދުމުން މިހާތަނަށް އެފައިސާ ޖަމާ ކުރީ ކިތައް ކޮމިޝަންބާ އެވެ؟
"މިއީ ހަގީގަތުގައި ވަރަށް ނުރައްކާތެރި މައްސަލައެއް. އެތައް ފައިސާތަކެއް ހޯދުމަށް އޮޑިޓާ ޖެނެރަލް އެހެރީ އެދިވަޑައިގެންފައި. އެކަމަކު އެ ފައިސާ ލިބުނީ ކިހާ މިންވަރަކަށްތޯ. އޮޑިޓް ރިޕޯޓްގެ މައްޗަށް ބެލި ދައުވާ ކުރެވުނީ ކިތައް މީހުނަށް ތޯ. މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ މައްސަލައެއް. މިގޮތަށް އަމަލުކުރާނަ އޮޑިޓާ ޖެނެރަލްގެ ބާރު ކެނޑި، ގާނޫނު އަސާސީން އޮޑިޓާ ޖެނެރަލަށް ބާރުތަކެއް ދިނުމަށް ލިޔެފައި އޮތް މާއްދާގެ ރޫހު ގެއްލޭނެ،" ޕީޖީގެ ވަކީލު ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓްތަކުގައި ސީރިއަސް މައްސަލަތަކެއް ހުރީ ފާހަގަކޮށްފަ އެވެ. އެއީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. މުޅި ނިޒާމް އެކީ މަސައްކަތްކޮށްގެން އޮޑިޓާ ޖެނެރަލު ނެރުއްވާފައިވާ ރިޕޯޓްތަކުގައި ހުރި މައްސަލަތަކަށް ހައްގު އަދަބު ލިބެންޖެހެ އެވެ. އެކަމުގައި ވަކި ކުލަޔަކަށް ބެލި ނަސްލަކަށް ބެލި ފަހަތަށް ޖެހޭ ނަމަ އެއީ ވެސް މައްސަލައެކެވެ. ފުލުހުން ވެސް އޭސީސީވެސް އެ މަސައްކަތުގައި ނިކުންނަން ވެއްޖެ އެވެ. ދައުލަތައް ހިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އަދަބު ލިބެންޖެހެ އެވެ. އެހެންނޫން ނަމަ ގައުމަކީ ހިޔާނާތްތެރިންގެ ގައުމަކަށް ވެދާނެ އެވެ. އޭގެ ކުރިން އޮޑިޓާ ޖެނެރަލްގެ ރިޕޯޓްތަކަށް ފުރިހަމައަށް އަމަލުކޮށް އެ ރިޕޯޓްތަކަށް ބާރު ހޯދައިދޭން ވަނީ ޖެހިފަ އެވެ.