ތެހެރާން (ސެޕްޓެމްބަރު 12) : އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެން އެގައުމުގެ ރައީސް އިބްރާހީމް ރައީސީ އާ ބައްދަލުކުރައްވައިފިއެވެ.

މިއީ އީރާނުގެ އައު ރައީސް އިބްރާހީމް ރައީސީ ގެ ދައުވަތަކަށް ކާޟިމީ ކުރައްވާ ދަތުރުފުޅެއްކަމަށާ މިދަތުރުފުޅުގައި ކާޟިމީ އީރާނުގެ ރައީސް އާ ބައްދަލުކުރެއްވުމުގެ އިތުރުން ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި އާވެސް ބައްދަލުކުރައްވާނެކަމަށް އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ. އިރާގުގެ ބޮޑުވަޒީރާއި އީރާނުގެ ރައީސް ގެ ގުޅިފައިވާ ނޫސްކޮންފަރެންސެއް މިއަދު އޮންނާނެކަމަށް އީރާނުގެ މީޑިއާ އިން ޚަބަރު ދެއެވެ.

އިރާގުގެ ބޮޑުވަޒީރަށް އީރާނުގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިރާގުގެ ބޮޑުވަޒީރު އީރާނަށް ވަޑައިގެންފައި މިވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން މިއަހަރުގެ ޑިސެމްބަރުމަހު އިރާގުން ބޭލުމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ތައްޔާރުވަމުން ގެންދާ ދަނޑިވަޅެއްގައެވެ. އިރާގުގައި ތިބި އެމެރިކާ ސިފައިން މިއަހަރުގެ ނިޔަލަށް ބޭލުމަށް އެމެރިކާ ނިންމީ މިދިޔަ ޖުލައިމަހު އެމެރިކާއާއި އިރާގުން ބޭއްވި އެދެގައުމުގެ ސްޓްރެޓީޖިކް ގުޅުންތަކާބެހޭ މަޝްވަރާތަކުގައި އިރާގު ސަރުކާރުގެ އެދުމުގެ މަތިންނެވެ.

އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭރުކޮށްލުމަށް އެންމެ ބޮޑު ފިއްތުންތަކެއް ކުރިމަތިކުރަނީ އިރާގު ސިފައިންނާ ގުޅިފައިވާ އިރާގުގެ އަސްކަރީ ޖަމާއަތްތަކުންނެވެ. އޭގެތެރޭގައި އަލްޙަޝްދުއްޝަޢަބީ ފަދަ ޖަމާއަތްތައް ހިމެނެއެވެ. މިޖަމާއަތްތަކަކީ އީރާނުގެ މަދަދު ލިބޭކަމަށް އެމެރިކާ ތުހުމަތުކުރާ ޖަމާއަތްތަކެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އީރާނުގެ އަސްކަރީ ކޮމާންޑަރަކު އިރާގުގެ ބިމުގައި 2019 ވަނަ އަހަރު އަވަހާރަކޮށްލުމަށްފަހު އީރާން ގެންދަނީ ގަލްފުގައި ތިބޭ އެމެރިކާ ސިފައިން ފައްސާލުމަށް ފާޅުގައި ގޮވާލައި އެކަމަށް މަސައްކަތް ކުރާކަން ހާމަކުރަމުންނެވެ. ގަލްފާއި މެދުއިރުމަތީގައި ހަމަނުޖެހުން އުފެދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމެރިކާ ސިފައިންކަމަށް އީރާން ދެކެއެވެ.

އީރާނުގެ ރައީސް އިރާގުގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވަނީ އިރާ

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ގެ ދަތުރުފުޅުގައި އިރާގާއި އީރާނުގެ އަމަނާބެހޭ މައްސަލަތަކާބެހޭގޮތުންނާ ދެގައުމުގެ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމާބެހޭގޮތުން އީރާނުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެއެވެ. އަދި ސަރަހައްދީ ރޮނގު ހުރަސްކޮށް އީރާނުން އިރާގަށް ސަޕްލައިކުރާ ކަރަންޓްގެ ޚިދުމަތްތަކާ ބެހޭގޮތުންނާ އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިރާގުން އިރާނަށް ނުދެވިހުރި އީރާނުގެ އެތަށް މިލިޔަން ޑޮލަރެއްގެ ފައިސާ އީރާނަށް ދެވޭނެ ގޮތްތަކެއް މިމަޝްވަރާ ތަކުގެ އަރިމަތީގައި ދެގައުމުގެ މާލީ ދާއިރާގެ ފަންނީ މަސްއޫލުވެރިން ނިންމަވާނެއެވެ.

މީގެއިތުރުން އީރާނުން އިރާގަށް ސަޕްލައިކޮށްދޭ ކަރަންޓްގެ ޚިދުމަތްތަކުގެ އަގުގެ ގޮތުގައި އިރާގުން އީރާނުގެ ސަރުކާރު ކުންފުނިތަކަށް ޕޭކުރަންޖެހޭ އެތަށް ސަތޭކަ މިލިޔަން ޑޮލަރު އީރާނަށް ޓްރާންފާ ގޮތްތަކެއް ކަނޑައެޅުމާބެހޭގޮތުން ދެގައުމުގެ މާލީ މަސްއޫލުވެރިން ގޮތްތަކެއް ނިންމަވާނެއެވެ. މި ފައިސާ ނުލިބޭތީ އީރާނުން އިރާގަށް ސަޕްލައިކުރާ ކަރަންޓްގެ ޚިދުމަތްތަކަށް މިފަހަކަށް އައިސް ދަނީ ބޮޑެތި ބުރޫއަރަމުންނެވެ. ކަރަންޓް ސަޕްލައި އަށް ބުރޫއެރުމަކީ އިރާގަށް ބޮޑެތި ދަތިތައް ކުރިމަތިވާކަމެކެވެ.

އިރާގު ގެންދަނީ ދެ ދުޝްމަނުންގެ ގޮތުގައި ތިބި އިރާގުގެ ދެ އަވަށްޓެރިން ކަމަށްވާ ސައޫދީ އަރަބިއާއާއި އީރާނާ ސުލްހަ ކުރުވުމަށްޓަކައި މަސައްކަތް ތަކެއް ކުރަމުންނެވެ. އީރާނާއި ސައޫދީ ންވަނީ އެދެގައުމުގެ މަސްއޫލުވެރިން އެކި ފަހަރުމަތިން އިރާގުގައި ބައްދަލުކުރައްވައި ގުޅުންތައް އަލުން އިއާދަކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވިކަން ކަށަވަރުކޮށް ދެއްވާފައެވެ.