ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (ޢެމްއެންޔޫއެސްޔޫ) އާއި ފެކަލްޓީ އޮފް އާޓްސްގެ ގޮފި (ސިއާ)އިން ގުޅިގެން ބޭއްވި މަދަހަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސްކޫލް އޮފް ނާސިންގެ ދަރިވަރު އާއިޝަތު ނަދާއަށް ލިބިއްޖެއެވެ.

މި މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް އެވޯޑާއި ހަނދާނީ ލިޔުން ދީފައިވަނީ ހޮނިހިރު ދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރަމަޟާން މަހާ ގުޅިގެން އެމްއެންޔޫއެސްޔޫގެ އެކި ގޮފިތަކުން ބޭއްވި މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުމާއި އެވޯޑް ދީފައެވެ.

މުޅި މުބާރާތުގެ 3 ވަނަ އަށް ހޮވުނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު މަރިޔަމް އީނާސްއެވެ. އަދި މުބާރާތުން 2 ވަނަ އަށް ހޮވުނީ ސްކޫލް އޮފް ނާސިންގެ ދަރިވަރު ފާތިމަތު ވިފާދާ ވިޝާމް އެވެ. މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލު ކުރި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީން އެވެ.

މަދަހަ މުބާރާތުގައި ވަނީ އެންމެ މޮޅު ފަސް ދަރިވަރުން ވެސް ހޮވައިފައެވެ. އެގޮތުން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިވަނީ

މަރިޔަމް ޙުވައިނާ ހަސަން – ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާރިޔަތު އުނޫޝާ – ސްކޫލް އޮފް ނާރސިންގ

ޢާއިޝަތު އަޝްގާ – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޢާއިޝަތު ނަބާހަތު ވަހީދު – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ފާޠިމަތު މާސާ ސަޢީދު – ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް

މުބާރާތުގެ އެންމެ މޮޅު ފަސް މަދަހަ ކިޔުންތެރިންނަށް ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ދަރިވަރުންގެ އަމީދު ލީލާ އަހުމަދެވެ.

މަދަޙަ މުބާރާތުގެ އެއްވަނަ ފެކަލްޓީއަކަށް ހޮވުނީ ސްކޫލް އޮފް ނާސިންގ އެވެ. ދެވަނަ ފެކަލްޓީއަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއެވެ. އަދި ތިންވަނަ ލިބިފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއަށެވެ. މި ފެކަލްޓީތަކަށް ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ އެމްއެންޔޫއެސްޔޫގެ ރައީސް ޢަބްދުﷲ ޝަހުނީޒެވެ.

އެމްއެންޔޫއެސްޔޫ ސިއާ މަދަހަ މުބާރާތުގެ އެންމެ މޮޅު ފެކަލްޓީއަށް ޓްރޮފީ ހަވާލު ކުރުން -- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

މި ރަސްމިއްޔާތުގައި ވަނީ މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން މުބާރާތުގެ މަދަޙަތައް ބްރޯޑްކާސްޓް ކޮށްދެއްވާފައިވާތީ ދިވެހި ޗެނަލްއަށް ހަނދާނީ ލިޔުން އެރުވިއެވެ. އަދި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި ޝަލަބީ އިބްރާހީމް، ޢާއިޝަތު ޙުސައިން މަނިކު އަދި ސައިނާ ރަޝީދަށް ވެސް އަގު ވަޒަންކޮށް ހަނދާނީ ލިޔުން އަރުވާފައިވެއެވެ.

މިއީ އެމްއެންޔޫއެސްޔޫއިން ބޭއްވި ތިންވަނަ މަދަހަ މުބާރާތެވެ. ފުރަތަމަ މަދަހަ މުބާރާތެއް އެ ޔޫނިއަނުން ބޭއްވީ 2013 ވަނަ އަހަރުއެވެ. އަދި ދެވަނަ މުބާރާތް ބޭއްވީ 2019ވަނަ އަހަރުއެވެ.