ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕު ކުރާ ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ސާމްޕަލް ކޮވިޑަށް ނެގެޓިވް ކަމަށެވެ.

ގައުމީ ޓީމު ގަތަރަށް ފުރުމުގެ ކުރިން މަލޭގައި ވަނީ ދެފަހަރު ކޮވިޑަށް ޓެސްޓުކޮށްފައެވެ. ގައުމީ ކޯޗު އަލީ ސުޒޭން ފިޔަވައި އިތުރު އެއްވެސް އޮފިޝަލެއް އަދި ކުޅުންތެރިއެއް ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކޯޗް ސުޒޭން ހޯމް ކަރަންޓީނުގައި ހުރުމުން ގަތަރުގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ލީޑު ކުރަނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިމްމަ)އެވެ.

އިމްމަ ވަނީ މީގެކުރިންވެސް ގައުމީ ޓީމުގެ ވަގުތީ ހެޑް ކޯޗުގެ ގޮތުގައި ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގައުމީ ޓީމަށް އިރުޝާދު ދީފައެވެ.

ގަތަރަށް ގައުމީ ޓީމު ފުރުމުގެ ކުރިން ވަނީ ސްކޮޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތަޖުރިބާކާރު މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ގައުމީ ސްކޮޑުން އުނިކޮށްފައެވެ.

ބަކާގެ އިތުރުން ސްކޮޑުން ފުރުސަތު ގެއްލިފައި ވަނީ މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އިރުފާން (އިރޭ) އާއި ޑިފެންޑަރު މުހައްމަދު ސާއިފްގެ އިތުރުން މުހައްމަދު އަޖުފާންއެވެ. މީގެ އިތުރުން އީގަލްސްގެ އިމްރާން ނަޝީދު ވަނީ ޓީމުން ވަކިވެފައެވެ. އޭނާ ސްކޮޑުން ވަކިވާން ޖެހުނީ އާއިލީ ކަމެއް ދިމާވެގެން އުޅޭތީއެވެ.

މި ކުޅުންތެރިން ވަކި ކުރުމަށްފަހު ގައުމީ ސްކޮޑުން ފުރުސަތު ދީފައި ވަނީ ދަގްރާންޑޭގެ ޑިފެންޑަރު ގާސިމް ސަމާމް (ސައްމޭ)އަށެވެ. ސައްމޭ ޓީމުގައި ހިމެނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްމަ ބުނީ އޭނާ ޓީމަށް އިތުރު ކުރީ ސްކޮޑުގައި ޑިފެންްޑަރުން މަދުވުމުގެ ސަބަބުން ކަމަށެވެ.

ގަތަރުގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ތެރެއިން ގައުމީ ޓީމު އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމުގެ އިތުރުން ނޭޕާލް އަދި ގަތަރުގެ މަތީ ފަންތީގެ ބައެއް ކްލަބުތަކާ އަންނަނީ ވާހަކަ ދައްކަމުންނެވެ.

ޓްރޭނިން ކޭމްޕު ނިންމާލުމަށްފަހު ގައުމީ ޓީމު މާލެ އަންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗަށް ނިކުންނަނީ އޮކްޓޫބަރު 1 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށެވެ.