26 Feb 2012, 09:48
ކޭޕްޓައުން (ފެބްރުއަރީ 26) : ދެކުނު އެފްރިކާގެ ބާނީ އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލު ރަނގަނޅު ކަމަށް އެގައުމުގެ މިހާރުގެ ރައީސް ޖާކޯބް ޒޫމާ ގެ ތަރުޖަމާން ކެޓް ހޮސާ ވިދާޅުވެއްޖެ އެވެ.
ހޮސާ ވިދާޅުވީ މަންޑޭލާ މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލަށް ގެންދެވުނީ ކުރިން ހުރި ބަނޑުފުޅުގެ ރިހުމެއް ގަދަވެގެން ކަމަށާއި މިހާރު އެރިހުން ލުއިވެއްޖެ ކަމުގަ އެވެ. އުމުރުފުޅުން 93 އަހަރުގެ މަންޑޭލާ އަކީ ދެކުނު އެފްރިކާ އިސްތިއުމާރުކޮށްގެން ތިބި ޔޫރަޕްގެ ދޮން މީހުން އެގައުމުގައި ހިންގި ލާއިންސާނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރައްވައި ދޮން މީހުންގެ ނަސްލީ އިމްތިޔާޒާއި އިސްތިއުމާރުގެ ވަކިތަކުން ދެކުނު އެފްރިކާގެ ރައްޔިތުން މިނިވަން ކުރެއްވި ވަރުގަދަ ޝަހުސިއްޔަތެވެ.
ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ނިޒާމާ ދެކޮޅަށް ކުރެއްވި މަސައްކަތުގެ ސަބަބުން ދޮން މީހުންގެ ޖަލެއްގައި 27 އަހަރު ހޭދަކުރައްވަން މަންޑޭލާއަށް ޖެހިވަޑައިގެންނެވި އެވެ. މިކަމުގެ ސަބަބުން މަންޑޭލާއަށް ވަނީ އޭނާގެ ގައުމުގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެ ވެސް ހަމްދަރްދީ އާއި ލޯބި ލިބިވަޑައިގެންފަ އެވެ.
ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމް އެންމެ ދައުރަކަށް އަދާކުރެއްވުމަށްފަހު އިތުރު ދައުރަކަށް ކުރިމަތި ނުލައްވައި މަންޑޭލާ ވަނީ ވެރިކަމުން ދުރަށް ވަޑައިގެންފަ އެވެ. އެއަށްފަހު އޭނާ ދިރިއުޅުއްވަނީ ދެކުނު އެފްރިކާގެ ރަށްފުށުގެ ހިސާބެއްގައިވާ އޭނާގެ އުފަން ވިލެޖް ކަމަށްވާ ކޫނޫ ގަ އެވެ.
މަންޑޭލާ މިދިޔަ ބުރާސްފަތި ހޮސްޕިޓަލަށް ގެންގޮސް އެނދުމަތި ކުރެވުނީ ކުރިއްސުރެ އޭނާގެ ބަނޑުފުޅުގައިހުރި ތަދެއް ތަންކޮޅެއް ބޮޑުވުމާ ގުޅިގެން އެކަމަށް ފަރުވާ ކުރުމަށާއި މެޑިކަލް ޗެކްއަޕްތަކެއް ހެދުމަށެވެ. ބަނޑުފުޅުގެ ރިހުމާ ގުޅިގެން ބައްޔެއް ހުރިކަން ޓެސްޓްތަކުން ދައްކާފައިނުވާ ކަމަށް ވެސް މަންޑޭލާއަށް ފަރުވާދެއްވި ޑޮކްޓަރުންނާ ހަވާލާދީ ދެކުނު އެފްރިކާގެ ރިޔާސީ ތަރްޖަމާން ކެޓް ހޮސާ ވިދާޅުވި އެވެ. (ޔުނައިޓެޑް ޕްރެސް)