12 Sep 2021, 14:20
ކޮވިޑް-19 ފެތުރެމުން ދިޔުމުން އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކާފިއު ހިންގާ މުއްދަތު އިތުރުކޮށްފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު ހިންގަން ނިންމީ އެޗްޕީއޭއީން މިދިޔަ މަހުގެ 28ގައި އެ ރަށްތައް މޮނިޓަރިންއަށް ލުމުންނެވެ. އަދި އެ މުއްދަތު މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް އިތުރު ކުރުމުން ސިޓީ ކައުންސިލުން ވަނީ ކާފިއު ހިންގާ ދުވަސްތައްވެސް އިތުރު ކުރަން ނިންމާފައެވެ.
އެގޮތުން މިއަދުން ފެށިގެން ހަތް ދުވަހަށް ކޮންމެ ރެއެއްގެ 21:00އިން ފެށިގެން ފަތިހު 4:00ގެ ނިޔަލަށް ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ނަމަ އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ)ގެ ހުއްދަ ހޯދުމަށް ވަނީ އެދިފައިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަތް ދުވަހު އާއްމު އެއްވުންތަކާ ޕާޓީތައް ބޭއްވުން މަނާކޮށް، ގްރޭޑް ނުވައަކުން މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ފިޔަވާ އެހެން ދަރިވަރުންނަށް ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 21:00 ނިޔަލަށް ކަމަށާއި އެފަދަ ތަންތަނުން އީއޯސީގެ ހުއްދައާ އެކު 00:00އާ ހަމަޔަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ހަމައެއާއެކު ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ 21:00އާ ހަމަޔަށް ކަމަށާއި ޑެލިވަރީ ކުރެވޭނީ 22:00އާ ހަމަޔަށް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
އައްޑޫގެ މޮނިޓަރިންއަށް ލާފައިވާ ރަށްތަކުން މީހުންނަށް ފުރޭނީ އީއޯސީގެ ހުއްދަ ހޯދުމުންނެވެ. އަދި ދަތުރު ކުރުމަށް ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ވާނެއެވެ.
އައްޑޫ ސިޓީން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހެކެވެ. އަދި އައްޑޫގެ ރަށްތަކުން މިހާތަނަށް 1،134 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިހާރު ބަލިޖެހިފައި ތިބީ 308 މީހެކެވެ. އޭގެ ތެރެއިން ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އައްޑޫއިން ކޮވިޑް ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފައިވެއެވެ.