12 Sep 2021, 12:50
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ވަކީލުން ސުޕްރީމު ކޯޓަށް ހުށަހަޅައިފިއެވެ.
ސުޕްރީމު ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިސްތިއުނާފުގެ އަޑުއެހެން ފައްޓަވަމުން، އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ރައީސް ޔާމީންގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުން ފަސް ކުރުމަށް ހުށަހަޅާފައިވާ ކަން އިސް ފަނޑިޔާރު ވިދާޅުވިއެވެ.
ހުށަހެޅުމާ ގުޅޭ ގޮތުން، މިއަދު ފެށި އަޑުއެހުމުގެ ލިޔެ ކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައި ވަނީ އިއްޔެ ކަން ފާހަގަކުރައްވާ، ރައީސް ޔާމީންގެ ގާނޫނީ ޓީމްގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ލިޔެކިޔުންތައް ބަލައި ތައްޔާރުވުމަށް ދެ ދުވަސް ބޭނުންވާ ކަމަށެވެ.
ކޯޓުން ވަނީ އެ މައްސަލައަށް ތައްޔާރުވުމަށް އެ މުއްދަތު ދިނުމަށް ނިންމާފައެވެ.
ދެ ދުވަސް ފަހުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް، ފަނޑިޔާރުންގެ ބެންޗުން ވަނީ އިސްތިއުނާފުގެ މައްސަލަ މިއަދު ކުރިއަށް ގެންދަން ނިންމަވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.