ކާބުލް (ފެބްރުއަރީ 26) : އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާގައި މަސައްކަތްކުރާ އެމެރިކާގެ އަސްކަރީ އިސް ދެ ތަޖުރިބާކާރަކު މަރާލައިފި އެވެ. މިދެމީހުން މަރާލާފައިވަނީ ދާހިލީ ވުޒާރާގެ ތެރޭގައި އަފްޣާން ފުލުހުން އެދެމީހުންނަށް ބަޑިން ހަމަލާދީގެންނެވެ.

އަފްޣާން ފުލުހުން އެދެމީހުންގެ ބޮލަށް ބަޑިޖަހާފައި ވަނީ އެމެރިކާ ސިފައިން ކީރިތި ގުރުއާނުގެ ކޮޕީތައް އަންދައި އަފްޣާން ރައްޔިތުންނާއި މުސްލިމުން ރުޅިއަރުވައި ޖެއްސުންކުރުމުގެ ހަޑިހުތުރު އަމަލުތަކެއް ހިންގުމާ ގުޅިގެން އަފްޣާން ރައްޔިތުންގެ ގިނަ ބަޔަކު އެމެރިކާ ސިފައިންނާ ދެކޮޅަށް މުޒާހަރާކޮށް އުތުރި އަރަމުންދާ ދުވަސްވަރެއްގަ އެވެ.

އަފްޣާން ފުލުހުން ބަޑިން ހަމަލާދީ އެމެރިކާގެ އަސްކަރީ އިސް ދެ މަސްއޫލުވެރިއަކު މަރާލުމާ ގުޅިގެން އެމެރިކާ އާއި ނޭޓޯއިން ސިހިފައިނަށް ވަނީ ސިހިފަ އެވެ. އެމެރިކާގެ ދެމަސްއޫލުވެރިން މަރާލާފައި ވަނީ އަފްޣާން ފުލުހުންގެ ބަޔަކު ދާހިލީ ވުޒާރާގެ ތެރޭގައި އެދެމީހުންނަށް ބަހުގެ ހަމަލާތައްދީ އިސްލާމް ދީނާ ނުކުޅެވޭނެ ކަމަށް ބުނެ ޒުވާބު ކުރުމަށްފަހުގައި ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.

އެމެރިކާގެ ދެމަސްއޫލުވެރިން މަރާލުމާ ގުޅިގެން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ވަނީ އަފްޣާނިސްތާނުގެ ވުޒާރާތަކާއި އެނޫން ބައެއް މުއައްސަސާ ތަކުގައި ތަޖްރިބާކާރުންގެ ގޮތުގައި ހަރަކާތްތެރިވާ އެގައުމުތަކުގެ މަސްއޫލުވެރިން އެތަންތަނުން ބާލައި އެމެރިކާގެ އަސްކަރީ ކޭންޕްތަކަށް ގެންގޮސްފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިން ކީރިތި ގުރުއާނުގެ ކޮޕީތަކެއް އެންދި މައްސަލާގައި ރުޅިގަދަވެފައިވާ އަފްޣާން ރައްޔިތުން އެމެރިކާއާ ދެކޮޅަށް އަފްޣާނިސްތާނުގެ ކަންކޮޅުތަކުގައި މުޒާހަރާކޮށް އިހުތިޖާޖް ކުރަމުން ގެންދާތާ މިހާރު ވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. މިއިހުތިޖާޖްތަކުގައި މިހާތަނަށް 20 މީހުން މަރުވެފައިވާއިރު މީގެތެރެއިން ދެ މީހުންނަކީ އިއްޔެ އަފްޣާން ދާހިލީ ވުޒާރާގައި އަފްޣާން ފުލުހުންގެ ހަމަލާތަކެއްގައި މަރާލި އެމެރިކާގެ އަސްކަރީ ދެ މަސްއޫލުވެރިންނެވެ.

އެމެރިކާ ސިފައިން ކީރިތި ގުރުއާނުގެ ކޮޕީތަކެއް އެންދި ޖަރީމާއާ ދެކޮޅަށް ކާބުލްގަ އާއި އަފްޣާނިސްތާނުގެ އެހެން ކަންކޮޅުތަކުގައި ލައްކަ އަކަށްވުރެ ގިނަ މީހުން މުޒަހަރާ ކުރިއިރު މީގެތެރެއިން ބައެއް މުޒާހަރާތަކަކީ ސުލްހަވެރިނޫން މުޒާހަރާތަކެކެވެ. މުޒާހަރާކުރި މީހުން ކާބުލްގެ އިރުމަތީގައިވާ އެމެރިކާގެ ބަގްރާމް އަސްކަރީ ބޭހަށް އޮއްގަލާއި ސާޅަނގަ އާއި ތޫނު ދަގަނޑާއި ޕެޓްރޯލް ބޮމުން ހަމަލާތައް ދީ އެމެރިކާ ސިފައިންގެ ބައެއް ވެހިކަލްތައް އަންދާލާފައިވެ އެވެ.

މުޒާހަރާކުރި އަފްޣާން ރައްޔިތުން ކީރިތި ގުރުއާނަށް އިހާނާތްކޮށް ހިތުމުން، ނޭޓޯ ސިފައިން އަފްޣާނިސްތާނުގެ ކޯޓުތަކަށް ހާޒިރުކޮށް އަދަބު ދިނުމަށް ގޮވާލާފައި، ވީނަމަވެސް މިކަމަށް އިޖާބަ ދީފައެއްނުވެ އެވެ. ކީރިތި ގުރުއާނަށް އިހާނާތްތެރިކޮށް ހިތުމުގެ އަމަލުތައް ހިންގާފައި ވަނީ ނޭޓޯ ސިފައިންގެ ތެރޭގައި ހިމެނޭ އެމެރިކާ ބައެއް ކަމަށްވާތީ އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާ އާއި ރައީސް ބަރަކް އޮބާމާ ވަނީ އަފްޣާން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

މުޒާހަރާކުރި މީހުން ބުނަނީ މިފަދަ ޖަރީމާތައް ތަކުރާރުކޮށް ހިންގާފައި ނަމެއްގައި މައާފަށް އެދުމުން އެކަން ގަބޫލުނުކުރެވޭނެ ކަމުގަ އެވެ. ނޭޓޯ އިން ވަނީ ނޭޓޯގެ ސިފައިން ކީރިތި ގުރުއާނުގެ ކޮޕީތަކަކަށް އިހާނާތްކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ. (އަލްޖަޒީރާ)