12 Sep 2021, 10:28
މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.
އިނގިރޭސި ވިލޭތުގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވެގެން ހައްޔަރުކޮށް އެ ގައުމުގެ ޑިޓެންޝަން ޖަލެއްގައި ބަންދުކޮށްފައިވާ އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީން ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ.
އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ ކަމަށެވެ.
" އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާ ހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ހައްޔަރު ކުރީ މީގެ ދެ ހަފްތާ ކުރިން އޯގަސްޓު މަހުގެ 25ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށްނެވެ. އަދި މުހިންމު ވާހަކަތަކެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާ ކުރައްވާނެ ކަމަށް ބެލެވިފައި އޮއްވާ އޭނާ ހައްޔަރު ކުރީ ނޫސްވެރިންގެ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްނެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.