02 Oct 2022, 09:17
އެމެރިކާގެ މަޝްހޫރު ތަރި ޒެކް އެފްރޯން ސާޖަރީ ހެދި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އެންމެ ފަހުން ރައްދު ދީފިއެވެ.
މި ފަހަކަށް އައިސް އެފްރޯން ތަފާތުކޮށް ހުންނަ ކަމަށް ފެނި ވާހަކަ ދެކެވެން ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ވާހަކަތައް ދެކެވެން ފެށިއެވެ.
ނަމަވެސް އީ! އޮންލައިންއަށް ދިން އިންޓަވިއުއެއްގައި ދާދިފަހުން އޭޭނާ ވަނީ އެ ހުރިހާ ވާހަކައަކަށް ރައްދު ދީފައެވެ. އަދި މީހުން ހީކުރަމުން އައި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.
އެފްރޯން ބުނީ އޭނާ ސާޖަރީ އެއް ހަދަން ޖެހުނު ކަމަށެވެ. ނަމަވެސް އެއީ އޭނާ ހުންނަ ގޮތް ބަަދަލުކުރުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެ ސާޖަރީ އަކީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރި ސާޖަރީ އެކެވެ.
އެ ސާޖަރީ ހަދާފައިވަނީ އޭނާއަށް ލިބުނު ވަރަށް ނުރައްކާތެރި އަނިޔާއަކާ ގުޅިގެން ކަމަށް އެފްރޯން ބުންޏެވެ.
އެފްރޯން ގޭގައި އިސްޓާކީނަށް އަރައިގެން އުޅެނިކޮށް ކަހާލައިގެން ވެއްޓި މުޅި ދަތްދޮޅި ހަލާކުވެ ކޮލު ކަށިގަނޑު ބިންދައިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.
އެއާއެކު ދަތްދޮޅިން ތިރި އެއްކޮށް ހަލާކުވެ އެބައި ވެއްޓިފައި އިން ކަމަށް އެފްރޯން ބުންޏެވެ. އެހެންވެ އެ ހިސާބު އަލުން ހަދައި ރައްކާތެރި ކުރުމުގެ ގޮތުން ސާޖަރީ ހެދީ ކަމަށް އޭނާ ބުންޏެވެ. އެ އެކްސިޑެންޓަށް ފަހު އެފްރޯން އަށް ވާހަކަ ނުދެއްކި އެތައް ދުވަހެއް ވަންދެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.