އައްޑޫ ސިޓީން: މުހައްމަދު ހަސަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހު މާލޭން ބޭރަށް ވަޑައިގެން ފުރަތަމަ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް މިއަދު ހެނދުނު 8:45 އެހާކަށް ހާއިރު މޯލްޑިވިއަންގެ ފްލައިޓްގައި ގަމުގެ ވައިގެ ބަދަރަށް ފައިބާ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކީ ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންނާއި ވަރަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނެވެ.

އައްޑޫ ކައުންސިލްގެ މެންބަރުން ރައީސްއަށް މަރުހަބާ ކިޔުމަށް ވަޑައިގެންފައެއްނުވެ އެވެ.

ގަން އެއާޕޯޓުން ފެށިގެން ގަމުގެ ފާލަމުސަރަހައްދުން އުތުރަށް ދަމާފައިވާ ދިގު ކިއުގައި ގައުމީ ދިދައާއި ތިބި އާންމުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ރައީސް ޑރ. ވަހީދު ވަނީ އެ ސަރަހައްދުގައި ތިބި އާންމުންނާ ސަމާލްކޮށް ވާހަކަދައްކަވާ ހައްދަވާފަ އެވެ.

ދެން އެމަނިކުފާނު ގަމުން ވަޑައިގެންނެވީ ހުޅުމީދޫ އަށެވެ. ހުޅުމީދޫ އިން އެމަނކިފާނަށް އާއްމުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބައެއް ދަންނަވާފަ އެވެ.

ހުޅުމީދޫ އަތޮޅު މަދަރުސާގައި ރައީސް ޑރ. ވަހީދު މިހާރު އަންނަނީ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.

ރައީސް މިއަދު އައްޑުއަށް ވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އައްޑުއަށް އަރައިގެން ނުވާނެ ކަމަށް އިލްތިމާސްކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އައްޑޫގެ މާހައުލު ފެންނަނީ ވަރަށް އަމާންކޮށެވެ.

ރައީސް ހުޅުމީދޫ މަދަރުސާއަށް ވަޑައިގެންއިރު އެމްޑީޕީގެ ބަޔަކު ވަނީ ސުލްހަވެރިކަމާ އެކު ރައީސްއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.