އަވަސް އިންތިހާބަކަށް ގޮވާލައި ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ފެށި ދެމިގެންވާ މުޒާހަރާ ކުރިއަށް ދާތާ އަށްޑުވަސް ފަހުން ސީދާ ހަރަކާތަށް ނުކުންނަން ޖެހިއްޖެ ހިނދެއްގައި، އެކަން ރާވައި ކުރިއަށް ގެންދާނެ ކޮމެޓީއެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ]އެމްޑީޕީ[ އިން މިރޭ އެކުލަވާލައިފި އެވެ.

ހިރިޔާ ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ކުއްލި ޖަލްސާގައި ފާސްކުރި ގަރާރުގައި ބުނެފައި ވަނީ "ދިވެހި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް މިހާރު ވެރިކަމުގައި ތިބި ފަރާތްތައް އެއްބަސް ކުރުވުމަށް ޓަކައި ޕާޓީގެ ފަރާތުން މަގުމަތީގައި ހިންގާ ހަރަކާތްތައް ރާވައި ހިންގުމަށް ޓަކައި ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީއާ މަސައްކަތް ހަވާލުކުރުމަށާއި އެކޮމެޓީއަށް ފުރިހަމަ އިހުތިޔާރާއި ބާރު ދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކްޕާޓީން އިގުރާރުވާ" ކަމަށެވެ.
އެމްޑީޕީގެ ގަރާރު ފާސްކުރީ ޖަލްސާގައި އޭރު ތިބި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރަށް ވޯޓް ނުދެއްވީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކެވެ.

މަގުމަތީގެ ހަރަކާތްތައް ރާވައި ހިންގުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމް ކަލޭފާނާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީނު ފައިސަލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލިސްކުރާގެ މިއަހަރަށް ހުޅުވާ އިރު މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކޮމެޓީ އެކުލަވާލައި ފާސްކުރުމުގެ ކުރިން ހުޅުވާލި ބަހުސްގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ އެމްޑީޕީ އަށް މިހާރު ލިބިފައިވާ ތާއީދު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އިންތިހާބެއް ބޭއްވުމާ މެދުގައި ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާ ކުރަމުން ދާއިރު އެމަޝްވަރާތަކަށް ވާގޮތެއް ބެލުމަށް މަޑުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެއްޖެ ނަމަ ގިއަރު ކިތަންމެ މައްޗަށް ޖެއްސިޔަސް މައްސަލައެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހުން ފެށިގެން، އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން ވެސް ބައެއް ކަންތައްތައް ކުރުމަށް ރާވަމުން ދާއިރު، ވަރަށް ގިނަ ކަންތައްތައް މަޖިލީހުން ބޭރުގައި ވެސް ޕާޓީން އެބަ ހިންގާ، އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީގެ އިންތިޒާމް ކޮމެޓީން ވެސް ވަރަށް ރަނގަޅަށް އެ ދައުރު އެބަ އަދާކުރޭ. ދެން މިހާރު މިހުރި ކަންތައްތައް އަޅުގަނޑު ދެކޭ ގޮތުގައި އިތުރު ގިއަރަކަށް ލާން ޖެހޭނީ މި މަޝްވަރާތަކަށް ބެލުމަށް ފަހު. އެހެން ވީމާ ކޮމެޓީއެއް ނެގި ކަމަށް ވިޔަސް އަޅުގަނޑު ދެކެނީ ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހާ ހަމައަށް މިހާރު މިދާ މަޝްވަރާތަކަށް އަޅުގަނޑުމެން ބެލުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑު ދެކެނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކުގައި މިހާރު ފެންނަމުންދާ މީހުން ފެންނަމުން އެދަނީ މަގުމައްޗަށް ނުނިކުންނާތީ ކަމަށާއި މީހުންނަށް ޖެއްސުން ނުކުރާތީ ކަމަށާއި ތަކެއްޗަށް ގެއްލުން ވެސް ނުދޭތީ ކަމަށެވެ. އަދި މަގުމަތީގެ ހަރަކާތަށް ދިޔަ ކަމުގައި ވިޔަސް އެކަންތައްތަކަށް ވިސްނައި، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓަން ވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ސުލްހަވެރި ކަމާ އެކުގައި ނޫނީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ގޮވާލައި ވާހަކަ ދެއްކެވުމުން، މިރޭ މާލެ ވަޑައިގަތް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން ހިންގާ އެއްވެސް ހަރަކާތެއްގައި ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެ ކަމުގެ ޔަގީންކަށް ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީން ކުރާ މަސައްކަތްތައް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ބެލޭނެ ކަމަށެވެ.

މަގުމަތީގެ ހަރަކާތްތައް ހިންގުމަށް ކޮމެޓީއެއް އެކުލަވާލާ އިރު ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާތައް ގޮސްފައި އޮތް ހިސާބެއް ނޭނގޭތީ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވުމުން އެކަމަށް ޖަވާބު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ އެމަޝްވަރާތަކުގެ ތެރޭގައި ހާމަ ނުކުރެވޭނެ ބައެއް މައުލޫމާތު ވެސް ހުންނާނެ ކަމަށާއި އެ މަޝްވަރާތަކުގައި ބައިވެރިވެޑައިގަންނަވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫއަކީ) އިތުބާރު ހުރި ބޭފުޅެއް ކަމަށެވެ. ނަމަވެސް މަޝްވަރާތަކާ ބެހޭ މައުލޫމާތު ވީ ވަރަކުން ގައުމީ މަޖިލީހަށް ދެއްވުމަށް އިބޫއަށް ދަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.