12 Sep 2021, 08:32
އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ ތަރި ލިއެނާޑޯ ޑި ކެޕްރިއޯ އަދި ޖެނިފާ ލޯރެންސް ގެ އާ ފިލްމް ކަމަށްވާ "ޑޯންޓް ލުކް އަޕް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިފިލްމުގެ ޑައިރެކްޓަރު އެޑަމް މެކޭއަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ބައޮގްރަފިކަލް ކޮމެޑީ ޑުރާމާ "ދަ ބިގް ޝޯޓް"ގެ ޑައިރެކްޓަރެވެ. މިފިލްމަކީ ސައިންސް ފިކްޝަން ބްލެކް ކޮމެޑީއެކެވެ.
"ޑޯންޓް ލުކް އަޕް" އަކީ ދުނިޔެ އަށް ކުރިމަތިވާން އުޅޭ ނުރައްކަލަކާ ބެހޭ މައުލޫމާތު ދޭން ދެ އެސްޓްރޮނޮމާޓް އިން ކުރިއަށް ގެންދާ ބޮޑު މީޑިއާ ޓުއާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަދި މިފިލްމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއަނާ ގްރާންޑޭ ވެސް ފެނިގެންދާނެއެވެ.
މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 10 ގައި ލިމިޓެޑް ސިނަމާތަކެއްގައި ދެއްކުމަށް ފަހު، ޑިސެމްބަރު މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނެ އެވެ.
ލިއޮނާޑޯ އަކީ އަދިވެސް އެތައް ބަޔަކަށް އެންމެ ކަމުދާ ފިލްމު ކަމަށްވާ "ޓައިޓޭނިކް" އިން މުޅި ދުނިޔޭގެ ފިލްމު އިންޑަސްޓްރީ އަށް ގޮންޖަހާ ތަފާތު މޮޅު ހުނަރެެއްދެއްކި ފަންނާނެކެވެ.