ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުން، އެތަންތަން ކުއްޔަށް ދިނުމުގެ މަސަައްކަތް ފަށައިފިއެވެ.

ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސްދުވަހުގެ މުއްދަތެއް ދީފައި ވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް ފްލެޓް ލިބުނު ފަރާތްތަކުން މިހާރުވެސް ބައެއް އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމަށް ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ޖަހަމުން ދެއެވެ.

ފިނިިޝިންގެ ހަރަދާއެކު ކުއްޔަށް 8500 ނެގުމަށް ހަމަޖެހިފައިވާ މި ޕްލެޓްތަކުން ބައެއް އެޕާޓްމަންޓް ކުއްޔަށް ދޫކުރަނީ 10،000 ނުވަތަ 12،000 ރުފިޔާއަށެވެ.

ހިޔާ ފްލެޓްގެ އެޕާޓްމަންޓްތައް މިފަދަ ގޮތަކަށް ކުއްޔަށް ދޫކުރާކަން ސަމާލުކަމަށް އަހިސްފައިވާ ކަމަށް ހައުސިންގް ޑިވިޕޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "ސަން"އަށް ވިދާޅުވީ، އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ.

ފްލެޓްގެ އެގްރިމެންތާ ހިލާފު ވެއްޖެ ނަމަ، އެގްރިމެންޓްގައި ވާފަދައިން ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން، ކިރިޔާ އުޅެލެވޭ ވަރަށް ތަން ހަދާލުމަށް ފަހު އެތަނުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. އަދި ބައެއް ފަރާތްތަކުން މިވަގުތު އެތަނުގައި އުޅެން ބޭނުން ނުވާތީ، އެޕާޓްމަންޓް ކުއްޔަށް ދެނީއެވެ.

ނަމަވެސް ފްލެޓްތައް ކުއްޔަށް ދިނުމަކީ އެޗްޑީސީން މަނާކޮށްފައި ވާ ކަމެކެވެ. ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައި ވަނީ، ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ނުދެވޭނެ ކަމަށެވެ.