އިއްޔެ އެމްޑީޕީ އިން ބޭއްވި ހިނގާލުމާއި އިއްތިހާދުން ބޭއްވި މަހާސިންތާ ސުލްހަވެރިކަމާ އެކު ގެންގޮސްފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި މޯލްޑިވްސް ޕިލިސް ސާވިސް އިން އެކަން ފާހަގަކޮށްފި އެވެ.

އެޗްއާރުސީއެމް އިން ބުނީ އިއްޔެ އެމްޑީޕީން ބޭއްވި ހިނގާލުމާއި ތޭވީސް ޑިސެމްބަރު އިއްތިހާދުން ބޭއްވި މަހާސިންތާ ކުރިއަށްގެންގޮސްފައި ވަނީ އެ ކޮމިޝަނުން އެފަރާތްތަކަށް އިލްތިމާސް ކުރި ގޮތަށް ޑިމޮކްރެސީގެ ރިވެތި އުސޫލުގެ ތެރެއިން ކަމަށް ވާތީ، އެކަން އެ ކޮމިޝަނުން ފާހަގަ ކުރާ ކަމަށެވެ.

ފުލުހުން ބުނީ އިއްޔެގެ އެއްވުންތަކުގައި އެއްވެސް ހަމަނުޖެހުމެއް ނުހިގައި ސުލްހަވެރިކަމާ އެކު އެއްވުންތައް ކުރިއަށް ގެންގޮސްފައި ވާތީ، އެކަން ފާހަގަކޮށް އެ އެއްވުންތައް އިންތިޒާމް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކުރިއަށް އޮތްތާގައި ވެސް އެއްވެ އުޅުމުގެ ހަރަކާތްތައް ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެތެރެއިން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އިއްޔެގެ އެއްވުންތައް ކުރިއަށް ގެންދިޔަ ވަގުތު އެއްވުންތައް ކުރިއަށް ގެންދިޔަ ފަރާތަކުން ފުލުހުންނަށް ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.