އޮކްޓޫބަރު އެކަކުން ސޯޅައަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ފުރިހަމަ ކުރާ ޓްރޭނިން ކޭމްޕުގެ ސަބަބުން ޓީމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓު ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

ގަތަރަށް ފުރުމުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން އިންމަ ބުނީ މާލޭގައި ކުރިއަށް ދިޔަ ފަރިތަކުރުންތައް ދިޔައީ ރަނގަޅަށް ކަމަށެވެ. އަލީ ސުޒޭން ގައުމީ ޓީމާ ހަވާލުވެ 33 ކުޅުންތެރިންގެ ސްކޮޑަކާއެކު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ގަތަރަށް ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވްވުމާ ގުޅިގެން ހުރީ މާލޭގައި ހޯމް ކަރަންޓީނުގައެވެ. ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ކޯޗް ސުޒޭން ގަތަރުގައި ކުރިއަށްދާ ޓްރޭނިން ކޭމްޕުގައި ބައިވެރިވާނެއެވެ.

ގައުމީ ކޯޗު މާލޭގައި ހުރުމުގެ ސަބަބުން މިފަހަރުގެ ކޭމްޕުގައި ޓީމު ލީޑު ކުރާނީ އެސިސްޓެންޓް ކޯޗުން އިންމައެވެ. ކޭމްޕުގައި އިންމަ ގައުުމީ ޓީމު ލީޑު ކުރި ނަމަވެސް ކޭމްޕުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ކޯޗު ސުޒޭންގެ އިރުޝާދާ މަޝްވަރާގެ މަތިން ކަމުގައި އިންމަ ބުންޏެވެ.

ގަތަރަށް ފުރުމުގެ ކުރިން ޓީމުގެ ސްކޮޑުން ވަނީ ހަތަރު ކުޅުންތެރިން އުނިކޮށްފައެވެ. އެކުޅުންތެރިންނަކީ މުހައްމަދު އާރިފް (ބަކާ)، އިމްރާން ނަޝީދު (އީގަލްސް އިންމަ)، މުހައްމަދު އިރުފާން (އިރޭ) އާއި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އަދި ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާނެވެ.

މިކުޅުންތެރިން އުނިކުރުމަށްފަހު ޓީމުން ފުރުސަތު ލިބިފައިވަނީ ދަ ގްރާންޑޭގެ ޑިފެންޑަރު ގާސިމް ސަމާމު (ސައްމޭ)އަށެވެ. ސައްމޭ ޓީމުގައި ހިމަނުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އިންމަ ބުނީ އޭނާ ޓީމުގައި ހިމަނަން ޖެހުނީ ޑިފެންސް ލައިނުގައި ކުޅޭ ކުޅުންތެރިން މަދުވުމުގެ ސަބަބުން ކަމަށެވެ.

ޓްރޭނިން ކޭމްޕުގެ ތެރެއިން ގައުމީ ޓީމަށް ރަނގަޅު ފެންވަރުގެ މެޗުތަކެއް ހަމަޖެއްސުމަށް އެފްއޭއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަތަރުގައި ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގަތަރުގެ ގައުމީ ޓީމާ އެގައުމުގެ މަތީ ފަންތީގެ ކްލަބުތަކުގެ އިތުރުން ލަންކާ ގައުމީ ޓީމާއެކު މެޗުތައް ކުޅުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ލަންކާ ގައުމީ ޓީމުވެސް ކޭމްޕު ކުރަނީ ގަތަރުގައެވެ.