ރަސްމީ ދަތުރުފުޅެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

ތުރުކީއަށް މުއިއްޒު ފުރާވަޑައިގަތީ ރޭގެ ވަގުތެއްްގައެވެ.

މުުއިއްޒުގެ މި ދަތުރުފުޅާ ބެހޭގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކުރެއްވުންކަމަށެވެ.

ތުރުކީގެ ސިޓީތަކާ ގުޅުން ބަދަހިކޮށް މާލޭ ސިޓީ ތަރައްގީކުރަން އެހީތެރިކަން ހޯދުމަކީ އެ ދަތުރުގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ހަތް ދުވަހުގެ ދަތުރުފުޅެކެވެ. މުއިއްޒުގެ މި ރަސްމީ ދަތުރުފުޅުގައި ސިޓީ ކައުންސިލުގެ މެނޭޖްމަންޓް ކޮންސަލްޓަންޓް ހަސަން ޒަރީރާއި ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލެ ތަރައްގީކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ތެރޭގައި ވެހިކަލް ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯނު ތަރައްގީކުރަމުންނެވެ.

ހަމައެއާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން މާލޭ ސްޓްރީޓް ސްކޭޕިންގެ މަސައްކަތް ވެސް ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން އަންނަނީ ކުރަމުންނެވެ.

ހަމައެއާއެކު މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ރަައްޔިތުންނާ ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުން އައްސަވާފައެވެ.