11 Sep 2021, 00:22
މީގެ ކުރިން ދައްކަން އުޅުނު ވާހަކަ ދައްކަވާނެ ކަމަށާއި އަދި އެނބުރި ވަޑައިގަންނަވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލޭތުގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވެގެން ހައްޔަރުކޮށް އެ ގައުމުގެ ޑިޓެންޝަން ޖަލެއްގައި ބަންދުކޮށްފައިވާ އަލީ ވަހީދު މިރޭ ކުރައްވައިފައި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން އިންސާފުވެރި އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހިރައްޔިތުންނަށް ހޯދައިދެއްވުމަށްޓަކައި ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމަށެވެ.
އަލީ ވަހީދު ހައްޔަރު ކުރީ މީގެ ދެ ހަފްތާ ކުރިން އޯގަސްޓު މަހުގެ 25ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށްނެވެ. އަދި މުހިންމު ވާހަކަތަކެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާ ކުރައްވާނެ ކަމަށް ބެލެވިފައި އޮއްވާ އޭނާ ހައްޔަރު ކުރީ ނޫސްވެރިންގެ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްނެވެ.
އޭނާ ހައްޔަރުކުރިކަން ދިވެހި ފުލުހުންނަށް އެނގުނީ ހައްޔަރު ކުރިތާ 11 ދުވަސްފަހުން ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފައެވެ. އަދި ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއް އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ނޯންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އަލީ ވަހީދު ރާއްޖެ ނުގެނެވިގެން އުޅެނީ އެ ސަބަބާހުރެއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.
އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ގެންދަން ފެށިއެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އޭނާ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވެ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.