25 Feb 2012, 21:47
މުޅިން އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ޑްރަގް ކޯޓުގެ ފަނޑިޔާރުން މިރޭ ހުވާކުރައްވައިފި އެވެ.
އެ ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަޑިޔާރުން ހުވާކުރެއްވުން އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގަ އެވެ. އެ ފަނޑިޔާރުންނަށް ހުވައިލައްވައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
ރާއްޖޭގައި އަލަށް އުފެއްދި އެކޯޓުގައި ބެންޗްގައި ހިމެނި ހުވާކޮށްފައި ވަނީ ޕީޖީ އޮފީހުގައި ވަކީލުކަން ކުރެއްވި މަހާޒު އަލީ ޒާހިރު އާއި ހުސެއިން ޝަހާމަތު އާއި އަބްދުއްސައްތާރު އަބްދުލްހަމީދުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގައި ގާޒީކަން ކުރެއްވި ޒުބައިރު މުހައްމަދު އާއި މުހައްމަދު އީސާ އެވެ.
ފަނޑިޔާރުކަމުގެ ހުވާކުރެއްވުމުން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ފަތްކޮޅު އެރުއްވުމަށް ފަހު ޖޭއެއްސީގެ ރައީސް އާދަމް މުހައްމަދު ވަނީ އަދުލުއިންސާފު ގާއިމްކުރުމުގައި އެ ފަޑިޔާރަކު އުގެނިވަޑައިގެން ތިއްބެވި އިލްމާއި ހުނަރު ބޭނުންކުރައްވައިގެން ފުރިހަމައަށް މަސައްކަތް ކޮށްދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޑްރަގް ކޯޓުގެ ފަނޑިޔާރުން މިރޭ ހުވާކުރެއްވި ނަމަވެސް ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް އަދި ނެތެވެ.
ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ހަމަޖައްސައިދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށާއި، ނަމަވެސް އަދި އިމާރާތެއް ހަމަޖެހިފައި ނުވާކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތައް ބެލުމަށް ހަމަޖެހިފައި ވަނީ ޑްރަގް ކޯޓުން ނެވެ. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ތަސްދީގު ކުރުމުން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ބަލަމުންއައި މަސްތުވާތަކެއްޗާއި ބެހޭ ހުރިހާ މައްސަލަތަކާއި އެ ކޯޓުތަކަށް ހުށަހަޅާފައިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ގުޅުން ހުރި މައްސަލަތައްވެސްވަނީ ބެލުން ހުއްޓާލާފަ އެވެ.