ކުރީގެ ރައީސް އަބްުދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމްގެ އިހުތިޖާޖުގައި މިއަދު ބައިވެރިވީ ގޭބަންދުގެ އުސޫލާ ހިލާފަށް ކަމަށާއި އެހެންކަމުން އެކަމާ މެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އާމެދު ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންސްއިން ބުނެފައިވަނީ މިއަދު އެމަނިކުފާނު ގޭގައި ހުންނަވައިގެން ޕީޕީއެމްގެ "އިންސާފު ހޯދަން" އިހުތިޖާޖުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީން ގޭބަންދުގެ އުސޫލުތަކާ ހިލާފުވެފައިވާކަމަށެވެ. އަދި އުސޫލާ ހިލާފުވެވަޑައިގެންފައިވާތީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ރައީސް ޔާމީންވަނީ އިހުތިޖާޖުގެ ބައިވެރީންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބަލަން ހުންނަވާ ސަޕޯޓަރުންނަށް ފެނިލައްވާފައެވެ. އަދި ބައެއް ސަޕޯޓަރުންނާ ސަލާން ކުރައްވާ، އެމަނިކުފާނު ވަނީ އިހުތިޖާޖުގެ ބައިވެރީންނަށް އުއްމީދު އާ ކޮށްދެއްވާފައެވެ.

ފަހުން އެމަނިކުފާނު ހުންނެވީ އިހުތިޖާޖުގެ ބައިވެރީން އެމަނިކުފާނަށް ދިން ޕީޕީއެމްގެ ދިދައަކާއި ގައުމީ ދިދައެއް ހިއްޕަވައިގެންނެވެ.