25 Feb 2012, 21:28
ކުރީގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އަދި މިހާރުގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތިޖޫރިން ގެއްލިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނާ ފައިސާތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންއަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އާންމު ކުރި ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ތިޖޫރި މާޗް، 2008 ގައި ގުނި އިރު 6203.75ރ. އާއި 20865.75 ޑޮލަރާއި 108.51ޔޫރޯ އާއި 500 ޕައުންޑް މަދުވާ ކަމަށެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ރައްދު ދޭން އެ ކުންފުނިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނަނީ އޮޑިޓް ރިޕޯޓުގައި މަދުކަމަށް ފާހަގަކޮށްފައިވާ ފައިސާގެ ތެރެއިން 20865.75 ޑޮލަރާއި 108.51ޔޫރޯ އަކީ ޗެކުން ވަދެފައިވާ ފައިސާ ކަމަށެވެ.
"އެ ފައިސާތައް ހޯދުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުންދާ ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަނގަކޮށްފައިވާ އެއް މަސައްލަކަމައްވާ ތިން އަހަރު ދުވަހުގެ މުއްދަތައް ލަންޑަންގެ ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި ހުރި ރާއްޖޭގެ ސްޓޯލް ބެލެހެއްޓުމަށް "ގްލޯބަލް ޑިސްޕްލޭ ލިމިޑެޓް"އަށް 501،712 ޑޮލަރަށް އެ ސްޓޯލް ހަވާލު ކުރި ގޮތާ މެދު އޮޑިޓާ ޖެނެރަލް ސުވާލުއުފައްދަވާފައި ވާތީ އެކަމަށް ރައްދުދެމުން އެމްއެމްޕީއާރުސީން ބުނީ އެ ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިގެން ކަމަށާއި އެ ބިޑްތައް އިވެލުއޭޓް ކުރީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ކަމަށެވެ. އަދި އެ ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލުކުރީ ޓެންޑާ ބޯޑުގެ 22/88/2010/13-k ނަމްބަރު ސިޓީން އެ އަގުގައި އެ ކުންފުންޏަށް ޕްރޮޖެކްޓް ހަވާލުކުރުމަށް އެންގުމުން ކަމަށެވެ.
އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ވަނީ އެ ޕްރޮޖެކްޓްގެ ބިޑް އިވެލުއޭޝަން ޑޮކިއުމަންޓްތައް މިނިސްޓްރީގައި ނެތް ކަމަށް ބުނެ އެ ލިޔުންތައް އޮޑިޓް އޮފީހަށް ފޮނުވުމަށް އަންގަވާފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ ބިޑް އިވެލުއޭޝަންގެ ލިޔެކިޔުންތައް ބެލެހެއްޓުމަކީ އެމްއެމްޕީއާރުސީގެ ޒިންމާއެއް ނޫން ކަމަށާއި އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް އެ ކުންފުނިން ނުދެކޭ ކަމަށެވެ.