ކުރިއަށް އޮތްތަނުގައި ދުވަހަކު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައިގެން ކުރައްވައިފައިވާ މަސައްކަތަކީ އެންމެ އިހްލާސްތެރި މަސައްކަތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ކުރައްވައިފައިވާ މަސައްކަތްތަކުން ރައްޔިތުންނަށް މާބޮޑު ފައިދާތަކެއް ވީ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ހާއްސަގޮތެއްގައި ރާއްޖޭގެ ރައުސުލްމާލުގެ ބޮޑުބައެއް އަމިއްލަފުޅު ބޭނުންތަކަށް ބޭނުންފުޅު ކުރައްވައިފައި އޮތްކަމަށް އަޅުގަނޑަށް ގަބޫލު ކުރެެއްވޭތީ ރައީސް ޔާމީނަށް ތާއީދުކުރަން ބޭނުން ނުވަނީ،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ބޮޑުބަދަލެއް ގެނެވިއްޖެކަމަށް ގަބޫލުކުރައްވާކަމުގައި ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުގައި ވެސް މިހާރު ތިއްބެވީ އިންސާފުވެރި، އަދުލުވެރި ހުކުމްތަކެއް ކުރައްވާނެ ފަނޑިޔާރުންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސުޕްރީމް ކޯޓުގައި ތިއްބެވީ އެކަމަށް ގާބިލު، ހުނަރުވެރި ބޭފުޅުންކަމަށް. އެ ބޭފުޅުން ނިންމަވާނީ އެންމެ ރަނގަޅަށް ހަމަ. އެންމެ އިންސާފުވެރި އަދުލުވެރި ނިންމުން ނިންމާނެކަމާމެދު ޝައްކެތް ނުކުރަން،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމްވަނީ މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" މިނަމުގައި ބޭއްވި އިހުތިޖާޖުގައި ރައީސް ޔާމީން ގޭބަންދުގައި ހުންނަވާ، އިހުތިޖާޖުގެ ބައިވެރީންނަށް ފެނިލެއްވުމުން އެކަމާ ވެސް ވާހަކަ ދައްކަވާފައެވެ.

ނާޒިމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި އޭނާ ޖަލަށްލުމަށްފަހު، ފަހުން ގޭބަންދަށް ބަދަލުކުރުމަށްފަހު ވެސް ކަންތައްކުރައްވާފައިވަނީ ވަރަށް ހަރުކަށިކޮށް ކަމަށެވެ. އަދި އެއްވެސް ކަހަލަ ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އެއްޗެެއްގައި ސޮއި ކުރުވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އެއްވެސް މީހަކު ގެއަށް ވަނުން ވެސް މަނާކޮށްފައި އޮންނަނީ. އަދި އަޅުގަނޑުމެންގެ އާއިލާގެ އެއްވެސް މީހަކަށް ވެސް ނުވަދެވޭނެ ކަމަށް ހަރުކަށިކޮށް އޮންނަނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދުގެ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ގޭބަންދުގައި ހުންނަވައި ދިދަ ހޫރެއްވުމަކީ އެކަން އޮންނަން ވާނެ ގޮތް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެފަދަ ކަމެއް ކުރިނަމަ ހަމަ އެވަގުތު ޖަލަށް ގެންދިޔައީސް" ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ނާޒިމް ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ މަގާމުން ވަކިކުރެއްވީ އޭނާ ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނު މައްސަލައެއްގައެވެ. އަދި އޭނާގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސާބިތުކުރުމަށްފަހުއެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން ފުލުހުން އެގޭގައި ބޭއްވި އެއްޗެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުން ވަނީ ފަހުން ބުނެފައެވެ.

ކާނަލް ނާޒިމްގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ނާޒިމްގެ އެޕާޓުމެންޓުން ފެނުނު ތަކެތި ލާފައިވާ އެވިޑެންސް ބޭގުގައިއޮތް އެއްޗެއް ނާޒިމްގެ އެޕާޓްމެންޓުގައި ތިބި ބަޔަކަށް ދެއްކި ކަމަށް އެނގެން ނެތް ކަމަށެވެ.

ފިންގާ ޕްރިންޓާ ގުޅޭ ރިޕޯޓުގައި އެ ތަކެތީގައި ނާޒްމްގެ ފިންގާ ޕްރިންޓު ހުރިކަމަށް އެނގެން ނެތްކަމާއި ދައުވާގައި ބުނާ އެއްވެސް ކަމެއް ސައިންޓިފިކަލީ އޭނާ އާ ގުޅުވޭނެ އެއްވެސް ގޮތެއް އެ ރިޕޯޓުގައި ނެތްކަމަށްވެސް ހުުމުގައި ވެއެވެ.

ސުޕްރީމު ކޯޓުގެ ހުކުމުގައި ވަނީ ނާޒިމްގެ ކޮޓެރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތަށް ބެލިއިރު ނާޒިމް ބަޑި ގެންގުޅުނު ކަމުގެ އެކަށީގެންވާ ހެއްކެއް ނެތްކަމަށާއި ނާޒިމް ފުލުހުންނަށް ދިން ތަހުގީގު ބަޔާނުންވެސް އެފަދަ ހެއްކެއް އަދި ގަރީނާއެއް ފެންނަން ނެތް ކަމަށެވެ.

ޖަލުން މިނިވަންވުމާއެކު ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ދަނގެތީ ދާއިރާގެ މެމްބަރުކަމަށް އޭނާ އިންތިޚާބުވެވަޑައިގަތީ އެ ޕާޓީގެ ޓިކެޓުގައެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ނާޒިމް މިހާރު މަސައްކަތް ކުރައްވަނީ އޭނާގެ އަމިއްލަ ޕާޓީއެއް އުފެއްދެވުމަށެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ މެމްބާޝިޕް ފޯމްތައް ހުށަހަޅުއްވާނެ ކަމަށެވެ.