10 Sep 2021, 17:45
"އިންސާފު ހޯދަން" މި ނަމުގައި އިދިކޮޅުން މިއަދު ކުރިއަށް ގެންދާ އިހުތިޖާޖުގައި، ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިހުތިޖާޖުގެ ބައިވެރީންނަށް ފެނިލައްވައިފިއެވެ.
ރައީސް ޔާމީންވަނީ އިހުތިޖާޖުގެ ބައިވެރީންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބަލަން ހުންނަވާ ސަޕޯޓަރުންނަށް ފެނިލައްވާފައެވެ. އަދި ބައެއް ސަޕޯޓަރުންނާ ސަލާން ކުރައްވާ، އެމަނިކުފާނު ވަނީ އިހުތިޖާޖުގެ ބައިވެރީންނަށް އުއްމީދު އާ ކޮށްދެއްވާފައެވެ.
ފަހުން އެމަނިކުފާނު ހުންނެވީ އިހުތިޖާޖުގެ ބައިވެރީން އެމަނިކުފާނަށް ދިން ޕީޕީއެމްގެ ދިދައަކާއި ގައުމީ ދިދައެއް ހިއްޕަވައިގެންނެވެ.

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ކުރީގެ ރައީސް ޔާމީން އިހުތޖާޖުގެ ބައިވެރިންނަށް ހަނާ އަޅުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުން ވެސް މިއަދު ބުނަމުން އަންނަނީ ރާއްޖޭގެ ހިންގުމާ ހަވާލުވާންވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުކަމަށެވެ.
"މިއަދު ދިވެހި ރައްޔިތުން ބުނަމުން އަންނަނީ ތިމަންނަމެން ބޭނުންވަނީ ރައީސް ޔާމީނުގެ ވެރިކަމޭ. ތިމަންނަމެން ބޭނުންވަނީ އަދުލު އިންސާފު ގާއިމްކުރާށޭ. ތިމަންނަމެން ބޭނުންވަނީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ތާއަބަދު އޮންނާށޭ. ތިމަންނަމެން ބޭނުންވަނީ ދިވެހި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ގާއިމްވެ އޮންނާށޭ،" އަދުރޭ ވިދާޅުވިއެވެ.
މިއީ ގޭބަންދަށް ބަދަލުކުރި ފަހުން ރައީސް ޔާމީން މިފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ ރޯދަ މަހުގެ ފަހު ދިހައިގައެވެ. އޭގެ ފަހުން އެމަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ.
އިދިކޮޅުން މިއަދު ބޭއްވި އިހުތިޖާޖުގައި ކުރިން ނިންމައިފައި އޮތީ މާލޭގެ މަގުތަކުގައި ހިނގާލުމަށެވެ. އެހެން ނަމަވެސް ކާނިވާ ސަރަހައްދުން އެސްއޯ ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރީންނަށް ހުރަސް އަޅައިފައެވެ. އެހެންކަމުން އެ ހިނގާލުން އެއްވުމަަކަށް ވަނީ ބަދަލު ކޮށްލާފައެވެ.