10 Sep 2021, 15:42
ފޯނުން ގުޅައި މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް، މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުން އަންނަނީ މ. ކުދިމާވިލާ، އުމުރުން 50 އަހަރުގެ ނާފިއު ސަލީމް އެވެ.
ފުލުހުން ބުނީ ހޯދަމުންދާ ނާފިއު ސަލީމަކީ ފޯނުން ގުޅައި މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށެވެ.
އެހެންކަމުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަމަށެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް، އަންނަ ބުދަ ދުވަހުގެ ކުރިން އެ މީހާ ހާޒިރުވުމަށް އަންގާ ކަމަށެވެ. އަދި ނާފިއު ސަލީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792265 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުލުހުން ހޯދަމުން އަންނަ ނާފިއު ސަލީމަކީ މަސްތުވާތަކެތީގެ އިތުރުން ތަފާތު އެކިއެކި ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.