09 Sep 2021, 23:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަތޮޅުގެ ހަތަރު ރަށަށާއި ށ. އަތޮޅުގެ ފަސް ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްކުރައްވާފައެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި، ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވާ އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ހޯއްދަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހްކޮށްދެއްވާފައެވެ.
އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.
މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައެވެ. އަދި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލައްވާވެސް ލެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ށ. ފޯކައިދޫއާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުންނާ ބައްދަލުކޮށްލައްވާފައެވެ.
ހަމަ އެއާއެކު އެކަމަނާ ވަނީ ރ އަތޮޅު ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރ. ރަސްގެތީމުގެ އާސާރީ ޒިޔާރާތް ބައްލަވައިލައްވާފައެވެ. ހަމަ އެއާއެކު ރ. އަނގޮޅިތީމުން ފެނިފައިވާ އާސާރީ ތަކެތިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.