25 Feb 2012, 17:17
ސަންޢާ (ފެބްރުއަރީ 25) : ޔަމަންގެ އިންތިގާލީ މަރްޙަލާގެ ރައީސަކަށް އަބްދުރައްބުމަންސޫރު ހާދީ އިންތިހާބުވެ ވަޑައިގެންފި ކަމަށް އެގައުމުގެ އިންތިހާބުތަކާ ބެހޭ އެންމެމަތީ ކޮމިޓީން އިއުލާންކޮށްފި އެވެ.
މިކަމަށްޓަކައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ހާދީއަށް 99% ލިބިފައިވާ ކަމަށް ވެސް އިންތިހާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ބުނެ އެވެ.
ޔަމަންގެ އިންތިގާލީ މަރްހަލާގެ މުއްދަތަކީ ދެއަހަރެވެ. ދެއަހަރު ތެރޭގައި ގައުމަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ދަސްތޫރަށް ގެންނަން ޖެހޭ ބަދަލުތައް ގެނަސް އަލުން އިންތިހާބެއް ބާއްވައިގެން ރައީސަކު އިންތިހާބު ކުރަންޖެހެ އެވެ. ހާދީއަކީ ސިފައިންގެ ހިދުމަތުގައި ކުރިން އުޅުއްވި ޖެނެރަލެކެވެ. އޭނާ މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ ވެސް އަސްކަރީ ރޮނގުންނެވެ.
ޔަމަންގެ ރައީސް އަލީ އަބްދުﷲ ސާލިހު ވެރިކަމުން ދުރުކުރުމަށް ޓަކައި މީގެ އަހަރެއްހާ ދުވަސްކުރިން އެގައުމުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑު ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން އިންތިގާލީ މަރްހަލާގައި ހުންނަވާނީ ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިބޭގޮތަށް އިންތިހާބުކުރެވޭ ވަގުތީ ރައީސެވެ. ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިބޭގޮތަށް އިހުތިޔާރުކުރެވުނު ކެންޑިޑޭޓަކީ ނައިބު ރައީސް އަބްދުރައްބު މަންސޫރު ހާދީއެވެ.
ޔަމަންގެ މައްސަލަ ހައްލުކުރުމުގެ ޕެލޭންގެ ދަށުން ރައީސް އަލީ އަބްދުﷲ ސާލިހްގެ ވެރިކަމުގެ ބާރުތައް މީގެ ދެމަސްބައި ކުރިން ވަނީ ނައިބު ރައީސް އަބްދުރައްބުމަންސޫރު ހާދީ އާ ހަވާލުކުރެވިފަ އެވެ. އެއަށްފަހު ސާލިހު ހުންނަވަނީ ހަމައެކަނި ރަމްޒީ ވެރިއެއްގެ ގޮތުގަ އެވެ. ހާދީ މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސް އަލީ އަބްދުﷲ ސާލިހު މަގާމުން އިސްތިއުފާދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޭސްފަރުވާއަކަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ސާލިހު ވަނީ އޭނާގެ ވެރިކަން ސުލްހަވެރިކަމާ އެކު ބަދަލުވެގެން ދިޔުމަށް އެއްބާރުލުން ދިނުމަށް އޭނާއަށް ތާއިދުކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް އަލީ އަބްދުﷲ ސާލިހު ވެރިކަމުން ދުރުކުރުމަށްޓަކައި މީގެ އަހަރެއްހާ ދުވަސްކުރިން އެގައުމުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޔަމަންގައި އިއްޔެ ނިމުނު ފެންނަ ނުފެންނަ ވޯޓުގައި ބައެއް ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި އެކަކު މަރުވެފައިވެ އެވެ. (އަލްޖަޒީރާ)