12 Sep 2021, 20:24
ސާފް ޗެމްޕިއަންޝިޕުގެ 13 ވަނަ މުބާރާތް ބާއްވަން ރާއްޖެއިން ތައްޔާރުވަމުން އަންނައިރު މުބާރާތުގެ ޗެމްޕިއަންކަން ފަސް ގައުމަކުން މީގެ ކުރިން ވަނީ ހޯދާފައެވެ.
ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ލިބެނީ އިންޑިއާއަށެވެ. އެގައުމުން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. ރާއްޖެއިން ވަނީ ދެފަހަރު ތަށި ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝް، ސްރީ ލަންކާ އަދި އަފްއާނިސްތާނުން، ވަނީ އެއްފަހަރު ސާފްގެ ޗެމްޕިއަންކަން ހޯދާފައެވެ.
އިންޑިއާ
ސާފްގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ އިންޑިއާއިން ހަތް ފަހަރު ތަށި ހޯދިއިރު އެގައުމުން ވަނީ ހަތަރު ފައިނަލުގައި ކުޅެ ބަލިވެފައެވެ. ނަމަވެސް އިންޑިއާއިން ވަނީ 1993، 1997، 1999، 2005، 2009، 2011 އަދި 2015 ވަނަ އަހަރު ތަށި ހޯދާފައެވެ.
ފައިނަލުގައި ކުޅެ އިންޑިއާ ބަލިވެފައިވަނީ 1995، 2008، 2013 އަދި 2018 ވަނަ އަހަރުއެވެ. ސަރަހައްދުގެ ތަށި އިންޑިއާ ފުރަތަމަ ފަހަރަށް ހޯދީ '93ގެ ސާކް ގޯލްޑް ކަޕްގައެވެ. ޕާކިސްތާނުގެ ލާހޯރުގައި ބޭއްވި އެ މުބާރާތުގެ ތަށި އިންޑިއާއިން އުފުލައިލީ ގްރޫޕުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއަހަރުގެ މުބާރާތުގައި ބައިވެރިވީ ލަންކާ، ނޭޕާލް، ޕާކިސްތާނުގެ އިތުރުން އިންޑިއާއެވެ.
އިންޑިއާއިން ދެވަނަ ތަށި ނެގީ '97ގެ ފައިނަލުގެ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ވާދަކުރި މެޗު 2-2 އެއްވަރުވެގެން ނިމުނު ނަމަވެސް ފައިނަލު މެޗު އިންޑިއާއިން ކާމިޔާބުކުރީ 5-1 ނަތީޖާއަކުންނެވެ. އެމެޗުގައި އިންޑިއާގެ ފޯވާޑް އައިއެމް ވިޖަޔަން ވަނީ ދެލަނޑު ޖަހާފައެވެ. ރާއްޖޭގެ ހަމައެކަނި ލަނޑު މެޗުގެ 43 ވަނަ މިނިޓުގައި ޖެހީ އާދަމް އަބްދު ލަތީފު (ލައްޗޭ)އެވެ.
އިންޑިއާއިން އެގައުމުގެ ތިން ވަނަ ތަށި ނެގީ '99ގައި ބަންގްލަދޭޝްގެ މައްޗަށް 2-0 ކުރި ހޯދައިގެންނެވެ. ގޯއާގެ ނެހެރޫ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މުބާރާތަކީ އިންޑިއާގައި ބޭއްވުނު ފުރަތަމަ ސާފް މުބާރާތެވެ. ފައިނަލުގައި އިންޑިއާގެ ގޯލުތައް ޖަހައިދިނީ ބްރޫނޯ ކުޓީނިއޯ އަދި ބައިޗުން ބުޓިއާއެވެ.
ޕާކިސްތާނުގެ ކަރާޗީ އާއި އިސްލާމްއާބާދުގައި ކުރިއަށް ދިޔަ 2005 ވަނަ އަހަރުގެ ސާފް ގޯލްޑު ކަޕް އިންޑިއާއިން ކާމިޔާބުކުރީ ފައިނަލުގައި ބަންގްލަދޭޝް 2-0 ބަލިކޮށްގެންނެވެ. ބައިޗުން ބުޓިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މުބާރާތް އިންޑިއާ ކާމިޔާބުކުރުމުގައި އޭނާގެ ދައުރު ބޮޑެވެ.
އިންޑިއާއިން އެގައުމުގެ ފަސް ވަނަ ތަށި ނެގީ 2009 ވަނަ އަހަރުގެ ފައިނަލުގައި ޕެނެލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްގެންނެވެ. އެއަހަރުގެ މުބާރާތުގައި ވާދަކުރީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމެވެ.

ކެޕްޝަން.. 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕު ކާމިޔާބުކުރި އިންޑިއާގެ 23 އަހަެރުން ދަށުގެ ޓީމު---
ޖެހިގެން އައި 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު އިންޑިއާއިން ނެގީ އަމިއްލަ ގައުމުގައެވެ. ފައިނަލުގައި އަފްއާނިސްތާނު ބަލިކުރީ 4-0 ނަތީޖާއަކުންނެވެ.
ސާފްގައި ފައިނަލަކުން އިންޑިއާ އެންމެ ފަހުން މޮޅުވީ 2015 ވަނަ އަހަރެވެ. ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާއިން އަފްއާނިސްތާނުގެ މައްޗަށް ކުރި ހޯދީ މެޗުގެ އިތުރު ވަގުގުތައި ޖޭޖޭ އާ ޗެތުރީ ޖެހި ލަނޑުތަކާއެކުއެވެ.
ދިވެހިރާއްޖެ
ރާއްޖެއިން ވަނީ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާ 2018 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ކޮލަމްބޯގައި ކުޅުނު ފައިނަލު މެޗު ރާއްޖެއިން ކާމިޔާބުކުރީ މުހްތާރު ނަސީރު ޖަހައިދިން ހިތްގައިމު ލަނޑާއެކުއެވެ. 2018 ވަނަ އަހަރު ޑާކާގައި ރާއްޖެއިން ތަށި އުފުލާލީ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާ އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ބަލިކޮށްގެންނެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް ފުޓުބޯޅައިގެ ހަމައެކަނި ރަން ތަށި އެގައުމުން ހޯދީ 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ފައިނަލުގައި ޕެނަލްޓީގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އަފްއާނިސްތާން

ކެޕްޝަން.. އަފްއާނިސްތާނު ކުޅުންތެރިން ސާފު ތަށި އުފުލާލަނީ--- ފޮޓޯ: ޑޯން
ސާފްގެ މެމްބަރު ގައުމެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕެއްގައި އަފްގާނިސްތާނު އެންމެ ފުރަތަމަ މެޗު ކުޅުނީ 2003 ވަނަ އަހަރު ޑާކާގައި އޮތް މުބާރާތުގައެވެ. އެފަހަރުގެ ސާފް ގޯލްޑް ކަޕް އަންއާނިސްތާނުން ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. ނަމަވެސް ސާފްގައި ކުރި މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އެގައުމެވެ. ދާހިލީ ހަނގުރާމައިގެ ތެރޭގައި އޮތް އަފްއާން ރައްޔިތުން އުފަލުން ރޮއްވާލި 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ 2-0 ބަލިކޮށްގެންނެވެ.
ސްރީ ލަންކާ

ކެޕްޝަން.. '95 ވަނަ އަހަރު ސާކް ގޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިން--- ފޮޓޯ: ޑެއިލީ ނިއުސް ލަންކާ
ސްރީލަންކާގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމަކީ 2 އެޕްރީ 1995 ވަނަ އަހަރު ސަމްޕަތު ޕެރޭރާގެ ކެޕްޓަން ކަމުގައި ސާފް ގޯލްޑް ކަޕަށް ނިކުތް ލަންކާ ޓީމެވެ. ލަންކާ ތަށި ހިއްލާލީ އަމިއްލަ ސަޕޯޓަރުންގެ ކުރި މަތީގައި އިންޑިއާ 1-0 ބަލިކޮށްގެންނެވެ. މެޗުގެ އިތުރު ވަގުތުގެ 108 ވަނަ މިނިޓުގައި ލަންކާއަށް ލަނޑު ޖަހައިދިނީ ސަރަތު ވެލާގޭއެވެ.