އަންނަން އޮތް ޖީލުތައް ހަރުދަނާ ޖީލުތަކެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ލ. މާބައިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުޑަކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭންޖެހޭކަމަށެވެ.

އަދި ކުދިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގައި، އެ ކުދިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާބައިދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އެ ރަށު ކައުންސިލުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

އެގޮތުން، ރަށްގިރުމުގެ މައްސަލައާއި، ތައުލީމީ ދާއިރާއަށް އެ ރަށަށް މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ވާހަކަ ވެސް ނައިބު ރައީސްއާ ހިއްސާކުރިއެވެ.

ހަމައެއާއެކު ބައެއް ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކައުންސިލް އިދާރާ އަދި ސިއްހީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވެސް ނައިބު ރައީސްއާ ހިއްސާކުރިއެވެ.

އެއާއެކު އެކަންކަން ހައްލުކޮށްދެއްވުމަށްޓަކައި މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ކައުންސިލްގެ މެމްބަރުންނަށް ދެއްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މާބައިދޫއަކީ ފަތުރުވެރިކަމަށް ފުރުސަތު އޮތް ރަށެއްކަމަށެވެ.

އެގޮތުން ލޯކަލް ޓޫރިޒަމްގެ ތެރެއިން އެ ރަށަށް ފައިދާކުރާނެ މަގުތައް ފަހިކޮށްދެއްވުމަށް އެހީތެރިވެދެއްވާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް މާބައިދޫ ކައުންސިލުގެ މެމްބަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިވަގުތު އުޅުއްވަނީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މާލެއިން ބޭރުގައެވެ.