މޯލްޑިވިއަންގެ ވަޒީފާއަށް އަލަށް ހޮވި މުވައްޒަފުންތަކަކާމެދު ހިތްހަމަނުޖެހިގެން، އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް ސީނިއާ ޕައިލެޓުން އިސްތިއުފާ ދީފިއެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ކިޔައިދިން ގޮތުގައި އަލަށް ޓެކްނިކަލް ޓީމަށް ނެގި މުވައްޒަފުންތަކަކީ ނުފޫޒުގެ ބޭނުންކޮށްގެން ނަގާފައިވާ ބައެކެވެ. އަދި އެމީހުންގެ ސަބަބުން އެ ދުވަސްކޮޅު ވެސް ބައެއް ޕައިލެޓުން ވަޒީފާއިން އިސްތިއުފާ ދީފައިވެއެވެ.

"އަނެއްކާ ވެސް ގާތްގަނޑަކަށް ދެ އަހަރު ވެގެން ދިޔައިރު، ހިނގަމުންދާ ކަންތައްތައް ކެތް ނުވެގެން އެންމެ ފަހުން މޯލްޑިވިއަން އިން އިސްތިއުފާ ދީ، އަދި ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ވެސް އިސްތިއުފާ ދީ، ސިޓީ ލައިގެން މިއުޅެނީ" ޕައިލެޓު ކިޔައިދިނެވެ.

އޭނާ ބުނީ އިސްތިއުފާ ދިން ޕައިލެޓުންގެ ތެރޭގައި ހެޑް އޮފް ޓްރެއިނިން އާއި ހެޑް އޮފް އޮޕަރޭޝަންސް ވެސް ހިމެނޭ ކަމަށެވެ. މި ދެ މަގާމަކީ ވެސް ކުންފުންޏަށް ވަރަށް މުހިންމު ދެ މަގާމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސިވިލް އޭވިއަޝަން އާއި އައިކާއޯ ގަބޫލުކުރާ އެ ފެންވަރުންގެ ބަޔަކު އައިލެންޑު އޭވިއޭޝަނުން ހޯދަން ޖެހެނީ އެ މަގާމުތަކަށް." އޭނާ ބުންޏެވެ.

މީގެ އިތުރުން ސީނިއާ ހަތަރު ކެޕްޓަނުންނާއި ކޯޕައިލެޓަކު ވެސް ވަޒީފާއިން ވަކިވާން ސިޓީ ލައިފައިވާ ކަމަށެވެ.