25 Feb 2012, 17:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫ ސިޓީ އަށް ވަޑައިނުގެންނެވޭނެ ކަމަށް ބުނެ، އެމްޑީޕީ އިން އިންޒާރު ދެމުންދިޔަ ނަމަވެސް އެ މަނިކުފާނު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ސޯޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކިތަންމެ ފިއްތުންތަކެއް ބަޔަކު ކުރިމަތިކޮށް، މަސްލަހަތު ނަގާލުމަށް ބަޔަކު މަސައްކަތް ކުރިޔަސް އެކަމާ ސަރުކާރުން ކަންބޮޑު ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސަށް އައްޑުއަށް ވަޑައިނުގެންނެވޭނެ ކަމަށް ބުނެ، ބިރުދެއްކި އިރު، އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާނެ ކަމަށް އިއްޔެގެ އެއްވުމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ.
"އިއްޔެގެ އެއްވުމުގައި ވެސް ރައީސް ވަހީދު ވިދާޅުވި، މީހުންދައްކާ ބިރަކަށް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށާއި އަދި ރަސްމީ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް. އެހެންވީމަ ރައީސް އައްޑުއަށް ވަޑައިގަންނަވާނެ،"
ބައިނަލްއަގުވާމީ މުޖުތަމައު އިން އާ ސަރުކާރު ބަލައިގަނެ، ގައުމުގެ މަސްލަހަތު ގެއްލުވާ ނުލުމަށް ގޮވާލަމުންދާ ދަނޑިވަޅުގައި ވެސް އެމްޑީޕީން ގައުމުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވެވި އެވެ. ނަމަވެސް ގައުމުގައި މަސްލަހަތު ގާއިމް ކުރުމަށް ފުލުހުންނާއި ސިފައިން ފަސްނުޖެހޭނެ ކަމަށް އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.
އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫ ސިޓީ އަށް ވަޑައިގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
"އިޚުލާސްތެރިކަމާއި އެކުގައި ވަހީދުގެ އަރިހުން އެދެން އައްޑޫ ސިޓީއަށް ވަޑައިނުގަންނަވައްޗޭ" ނަޝީދު ވިދާޅުވެފައިވެ އެވެ.
އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ރައީސް ވަހީދު މާދަމާ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށާއި ނަމަވެސް "ގާނޫނީ ވެރިކަމުގައި ތިބި ބަޔަކަށް ނޫނީ އެއްބާރުލުމެއް ދެވެން ނެތް" ކަމަށެވެ.
މާދަމާ ރައީސް ވަހީދު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު ސޯބެ ވިދާޅުވިޔަސް ރައީސް އޮފީހަކުން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.