ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވ. ބޮޑުމޮހޮރާގައި ހަދަމުން އަންނަ ރިސޯޓުގައި މަސައްކަތްކުރާނީ 100 އިންސައްތަ ދިވެހިން ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ބޮޑުމޮހޮރާގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޖާބިރު "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް 36 މަސް ދުވަސް ތެރޭގައި ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި މަސައްކަތްކުރާނީ ހަމައެކަނި ދިވެހިން ކަމަށާއި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 300 ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރިކްރޫމެންޓް ފެށޭނެ. ބޭސިކް އެމީހުންނަށް އުނގަންނައިދޭނެ. ސުކޫލުން ކެނޑޭ ކުދިން، އެއްވެސް ތަމްރީނެއް ނެތް ވަޒީފާގެ އިސްކަން ދީ އެމީހުން ތަމްރީނު ކުރެވޭނެ ޖޮބަށް. އޮން ދަ ޖޮބް ޓްރެއިނިން ދެވޭނެ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑު މޮހޮރާއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެނުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައި ޖާބިރު ވިދާޅުވީ ބޮޑު މޮހޮރާގައި ތުރުކީގެ ނަން މަޝްހޫރު ކުންފުނިތަކެއްގެ ހޮޓެލްތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ބޮޑުމޮހޮރާއަކީ 50 އަހަރުގެ މުއްދަތަކަށް މެމްބަރު ޖާބިރު ކުއްޔަށް ނަންގަވާފައިވާ ރަށެކެވެ.

އެ ރަށް ކުއްޔަށް ދިނުމާމެދު ވަކި ގޮތެއް ނުނިންމި ހަތް އަހަރު ފާއިތުވި ފަހުން، ޖާބިރުއާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއަށް އެ ރަށް ކުއްޔަށް ދޭން އެއްބަސްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.